ENGLISH

04 ޖުލައި 2025

Advertisement

ހުޅުމާލެ ހޮސްޕިޓަލަށް ޒަމާނީ އިމާޖެންސީ ރޫމެއް، ރައީސް ހުޅުއްވައި ދެއްވައިފި

26 މޭ 2025

|

އަޙުމަދު ޙަމީދު

ހުޅުމާލެ ހޮސްޕިޓަލްގެ ޒަމާނީ އިމާޖެންސީ ރޫމް ރައީސް ހުޅުއްވައި ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ "ނިއު ޕޮލިސީ އިނިޝިއޭޓިވް"ގެ ދަށުން ކުރިއަށްގެންދިޔަ، ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢު ނިންމާ އެތަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވައިފި އެވެ.

މިއަދު ހަވީރު ހުޅުމާލެ ހޮސްޕިޓަލުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމު ބައްލަވާލައްވާފައެވެ. އަދި އެވަގުތު ޚިދުމަތް ހޯދަމުންދިޔަ ފާރާތްތަކާއި އެ ހޮސްޕިޓަލުގެ މުވައްޒަފުންނާ ބައްދަލުކޮށްލައްވައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.

ޒަމާނީ މެޑިކަލް އާލާތްތަކާއިއެކު ފަރުމާކޮށްފައިވާ މި އިމަޖެންސީ ރޫމުގައި، ކްރިޓިކަލް ބަލިމީހުންނަށް ޚާއްޞަ ފަރުވާ ދިނުމަށް ރިސަސިޓޭޝަން ރޫމެއްވެސް ޤާއިމުކޮށްފައިވެ އެވެ. އަދި ފުރާނައަށް ނުރައްކާވާ ހާލަތުގައި އަވަސް ފަރުވާދެވޭ އެންމެ ފުރިހަމަ އާލާތްތަކާއެކު، މި ރޫމް ތައްޔާރުކޮށްފައި ވަނީ ބޮޑެތި އިމަޖެންސީ ހާލަތްތަކަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ.

އިމަޖެންސީ ރޫމުގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢަކީ ސަރުކާރުން ކަނޑައަޅާފައިވާ ޞިއްޙީ ސިޔާސަތުތަކުގެ ތެރެއިން، ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްޤީކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފުރިހަމަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމާއެކު ހުޅުމާލެ ހޮސްޕިޓަލްގެ އެމަރޖެންސީ ރޫމުގައި ފަރުވާދޭ އެނދުތަކުގެ އަދަދު ވަނީ ދެގުނަ ވެފައެވެ. މި މަޝްރޫޢަށް ފަހު ހުޅުމާލެ ހޮސްޕިޓަލުގެ އެމަރޖެންސީ ރޫމުގައި މިހާރު އެއްފަހަރާ 14 އެނދުގައި ބަލި މީހުން އެޑްމިްޓްކޮށްގެން ފަރުވާ ދިނުމުގެ ޤާބިލްކަން ހުންނާނެއެވެ.

މި ސަރުކާރުން އަންނަނީ ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ފަހިކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު