ENGLISH
04 ޖުލައި 2025
މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަކީ ދިވެހީންނަށް ލިބުނު ބޮޑު އުފަލެެއް: ރައީސް
26 މޭ 2025
|
މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙް ކުރެވިގެން ދިއުމަކީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނެއްވެވީތީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ޕްރިންސް މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ވިދާޅުވީ މިކަމުގެ ސަބަބުން ދިވެހި ޙައްޖުވެރިންގެ ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމުން ހާމަވެގެން ދިޔައީ ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު އޮތް ދުވަސްވީ ގާތް ގުޅުމެވެ. އަދި މިއީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހި ޙައްޖުވެރިންނަށް ހަމަަޖައްސައިދެއްވާފައިވާ އިންތިޒާމުތަކަކީ ވަރަށް ފުރިހަމަ އިންތިޒާމް ތަކެއް ކަމަށް ވިދާޅުވި އެވެ. އަދި މި އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާ ސަޢުދީ ޢަރަބިއްޔާ ޙައްޖު މިނިސްޓްރީއަށާއި، މައްކާ ރޫޓު އިނީޝިއޭޓިވްގެ އިސް ބޭފުޅުންނަށާއި ސަޢުދީ ޢަރަބިއްޔާ އިންޓީރިއާ މިނިސްޓްރީއަށް އަދި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ އިސްވެރިންނަށް ޝުކުރު އަދާ ކުރެއްވި އެވެ.
މީގެ އިތުރުން، ޙައްޖުވެރިންނަށް ދެމުންދާ ޚިދުމަތްތަޖުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ސައުދީ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަމަކީ މުޅި އިސްލާމީ އުއްމަތަށް ސަޢުދީ ޢަރަބިއްޔާއިން ދެއްވަމުން ގެންދަވާ ފުރިހަމަ ޚިދުމަތެއް ކަމަށެވެ.
މައްކާ ރޫޓު އިނީޝިއޭޓިވް މިއަދު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.