ENGLISH
04 ޖުލައި 2025
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޙައްޖާޖީންނަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފި
26 މޭ 2025
|
އެމްއޭސީއެލްގެ މުވައްޒިފުން އެއާޕޯޓްގައި ހަރަކާތްތެރި ވަނީ. -- ފޮޓޯ: އެެމްއޭސީއެލް
މި އަހަރު ޙައްޖުގެ އަޅުކަމަށް ސަޢުދީއަށް ދާ ދިވެހީންނަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއޭސީއެލް އިން މި އިންތިޒާމުތައް ހަމަޖައްސާފައި ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި ކަމާގުޅުން ހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ. އެ ކުންފުނިން ބުނީ މި އަހަރު ދިވެހި ޙައްޖުވެރީން ދަތުރުކުރާނީ ސަޢުދިއާ އަދި މޯލްޑިވިއަންގެ ފްލައިޓްތަކުގައި ކަމަށާއި ހަތަރު ފްލައިޓެއްގައި 1000 ޙައްޖުވެރީން ދަތުރުކުރާނެ އެވެ. ދަތުރުތައް އޮތީ މިއަދާއި މާދަމާ އަދި 29 ވަނަ ދުވަހާއި 30 ވަނަ ދުވަހު އެވެ.
މި ދުވަސްތަކުގައި ޓާމިނަލް ހަރަކާތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް އެމްއޭސީއެލް އިން ވަނީ ވީއައިއޭގައި ޓްރެފިކް ބެލެހެއްޓުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅާފައި ކަމަށާ މި ގޮތުން ވެހިކަލްތަކަށް ވަދެވޭނީ އިންޓަނޭޝަނަލް ޓާމިނަލާއި ހަމައަށް ކަމަށް ވަނީ ބުނެފަ އެވެ. އަދި އެމްއޭސީއެލްގެ މުވައްޒިފުން ހައްޖާޖީން ޓާމިނަލަށް ގެންދިއުމާއި ޗެކް-އިން ކުރުމުގައި އެހީތެރިކަން ފޯރުކޮށް ދޭނެ އެވެ.
މީގެ އިތުރުން ޙައްޖުވެރީންނާއެކު އަންނަ ޢާއިލާތަކަށް ޚާއްސަ ވެއިޓިން އޭރިއާއެއް ހަމަޖައްސާފައިވާ ކަމަށާއި ޙައްޖުވެރީންނާއި އާއިލާތަކަށް ފޮޓޯ ނެގުމަށް ޚާއްސަ ތަނެއް ވެސް އެއާޕޯޓްގައި ވަނީ ޤާއިމުކޮށްފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
އަދި މައްކާ ރޫޓް އިފްތިތާހު ކުުރުމާއި އެ ރޫޓްގެ ސަބަބުން ޙައްޖާޖީންނަށް ދެވޭނެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށާއި އެ ގޮތުން ސައުދީގެ އިމިގްރޭޝަންގެ ޚާއްސަ ކައުންޓަރެއް މިހާރު ވަނީ ވީއައިއޭގައި ޤާއިމުކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
އެމްއޭސީއެލް އިން ވަނީ ޙައްޖުވެރީން ފުރާ ވަގުތުތަކަކީ ވީއައިއޭއަށް ބާރު ބޮޑުވެގެންދާނެ ވަގުތުތަކަކަށް ވާނެތީ އެހެން ފަސިންޖަރުން ވީހާވެސް އަވަހަކަށް ޗެކް-އިން ނިންމުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި އެއާޕޯޓްގެ ތޮއްޖެހުން ކުޑަކުުރުމަށާއި ޙައްޖުވެރީން ފުރުވުމަށް އަންނަ މީހުން އެމްއޭސީއެލްގެ މުވައްޒިފުންގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.