ENGLISH
04 ޖުލައި 2025
ރައުދުގެ މައްޗަށް ދައުވާކޮށްދޭން އެދިއްޖެ، ޕީޖީން ގޮތް ނިންމަނީ
26 މޭ 2025
|
ރައުދު ޒިލާލް
އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ރައުދު އަޙްމަދު ޛިލާލްގެ މައްޗަށް ދަޢުވާކޮށް ދޭން އެދި އެ މައްސަލަ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފޮނުވައިފި އެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރި ރައުދުގެ މައްޗަށް ކޮށްދޭން އެދުނީ ކޮންކޮން ދަޢުވާތަކެއް ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް ދަޢުވާކޮށްދޭން އެދި މައްސަލަ ފޮނުވާފައިވާކަން ޕީޖީ އޮފީހުން ވަނީ ޔަޤީން ކޮށްދީފަ އެވެ. އެ އޮފީހުން ބުނީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އެކަމާމެދު ގޮތް ނިންމާނެ ކަމަށެވެ.
އެކާވީސް އަހަރުގެ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން އެންމެ ބޮޑު ތުހުމަތެއް އޮތީ ރައުދު އަށެވެ. ޔުމުނު ވެއްޓުމުގެ ކުރީން އޭނާއާ އެކު އެންމެ ގިނަ ވަގުތު ހޭދަކުރީ ރައުދު އާ އެކު އެވެ. އޭނާ ވެއްޓުނު ހ. ފެންޓީނޯގޭގައި ވެސް ޔުމުނުއާ އެކު އުޅުނީ ރައުދު އެވެ.
ޔުމުނު ވެއްޓުނު ގޮތާމެދު އޮތީ ސުވާލު އުފެދިފަ އެވެ. އޭނާ ވެއްޓުނީ އެ ގޭގެ ފެންލައިޓުން ކަމެއް ނުވަތަ އެހެން ތަނަކުން ކަމެއް ވެސް ޔަޤީންކޮށް ބުނަން ނޭނގެ އެވެ.
ރައުދުގެ ބަޔާން ނަގާ ތަހުޤީޤު ނިންމި ނަމަވެސް ޔުމުނުގެ ބަޔާނެއް ވެސް މިހާތަނަށް ނެގިފައެއް ނުވެ އެވެ. ފުލުހުން ބުނީ އާއިލާގެ ފަރާތުން އެކަމަށް އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށެވެ. އެހެން ކަމުން ފުލުހުން މިހާރު ވަނީ ޔުމުނު ފަރުވާ ފުރިހަަމަ ކުރަމުންދާ މެލޭޝިޔާގެ ފުލުހުންގެ އެހީތެރިކަމާ އެކު ތަހުޤީޤަށް ބަޔާން ނެގުމަށް މަސައްކަތް ކުރަމުންނެވެ.