ENGLISH

04 ޖުލައި 2025

Advertisement

ހުޅުމާލޭގެ މާސްޓަރ ޕްލޭން ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި

26 މޭ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭން ރައީސް އިފްތިތާޙްކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވައިފިއެވެ.

މި ޕްލޭން އިފްތިތާޙްކުރެއްވީ ހުޅުމާލޭ ފޭސް 2 ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްގެ އިތުރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހުޅުމާލޭގެ މާސްޓަރ ޕްލޭން، އެޗްޑީސީގެ މިހާރުގެ މެނޭޖްމަންޓުން އަލުން ރިވައިޒްކުރުމަށްފަހު އެކުލަވާލާފައި މިވަނީ ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ގިނަ ކަންތައްތަކަކަށް މަގުފަހިކުރުމަށްކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އެގޮތުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ހުޅުމާލޭގެ ފަޅުތެރެއިން އިތުރު ބިންތައް ހިއްކާފައިވުމާއި، ބިމުގެ ޖާގަ އިތުރުވުމާގުޅިގެން އެ ބިންތައް ބޭނުންކުރާނެގޮތްތަކާމެދު ފަންނީ ގިނަ މަޝްވަރާތަކަކާއި ލަފާތަކެއް އެޗްޑީސީގެ މިހާރުގެ މެނޭޖްމަންޓުން ވަނީ ހޯދާފައެވެ.

އައު މާސްޓަރ ޕްލޭންގައި ފާހަގަކޮށްލެވޭ މުހިންމު ބަދަލުތަކުގެ ތެރޭގައި ބަނދަރު ސަރަޙައްދު 36 ހެކްޓަރުން 53 ހެކްޓަރަށް ބޮޑުކުރުން ހިމެނެއެވެ.

އަދި ބިން ބޭނުންކުރުމުގެ ޕްލޭންގައި ރެޒިޑެންޝަލް ބޭނުންތަކަށް 29.84 އިންސައްތަ، އަދި ސްކޫލްތަކާއި މިސްކިތްތަކާއި އިދާރާތަކަށް 10.41 އިންސައްތަ ބިން ކަނޑައަޅާފައިވެއެވެ.

މިއީ ދެމެހެއްޓެނިވި ތަރައްޤީއަށާއި ދުރު ރާސްތާއަށް ވިސްނާ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް މަގުފަހިވާނެހެން އެކުލަވާލާފައިވާ މާސްޓަރ ޕްލޭނެއްކަމަށް އެޗްޑީސީން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު