ENGLISH

04 ޖުލައި 2025

Advertisement

މުލީގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައި ސަރަހައްދުގެ ރައްޔިތުންނަށް ބޮޑު ލުޔެއް

26 މޭ 2025

|

ޢަލީ ޝަހީމް

މުލީ ރީޖަނަލް ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ދެނީ

މާލެއާ އެއްފެންވަރަށް ޑަޔަލިސިސްގެ ޚިދުމަތް މުޅި ރާއްޖޭގައި ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، މ. މުލީ ރީޖަނަލް ހޮސްޕިޓަލްގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފިއެވެ.

މުލީގައި ޑަޔަލިސިސްގެ ޚިދުމަތް އިއްޔެ ފެށިގެންދިއުމަކީ މ. އަތޮޅާއި އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދިޔަ ލުއިފަސޭހައެކެވެ. ޞިއްހީ ވުޒާރާގެ ބެލުމުގެ ދަށުން މ. އަތޮޅުގައި ޑަޔަލިސިސްގެ ހިދުމަތް ތަރައްގީކުރީ މެޑްޓެކުންނެވެ.

ޑަޔަލިސިސްގެ ހިދުމަތް މ. އަތޮޅުގައި ފެށީ އެކަމަށް ހާއްސަ ނަރުހުންނާއި ޑޮކްޓަރުންނާއެކުއެވެ. އެގޮތުން ޖުމްލަ ހަތަރު ނަރުހުންނާއި ޑޮކްޓަރުން އެ ހިދުމަތް ދިނުމުގައި ހަރަކާތްތެރިވެއެވެ.

މުލީގައި ފެށި ޑަޔަލިސިސްގެ ހިދުމަތް އެއް ފަހަރާ ތިން މީހުންނަށް ދެވޭނެއެވެ. މިއީ އެ ހިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މުލީ ރީޖަނަލް ހޮސްޕިޓަލުން ޑަޔަލިސިސްގެ ހިދުމަތް ހޯދި މީހަކު ބުނީ، ރަށުން ހިދުމަތް ލިބެން ފެށުމާއެކު މާލެ ގޮސް ކުރަންޖެހޭ ހަރަދު ސަލާމަތްވެފައިވާ ކަމަށެވެ. 

"ހާއްސަކޮށް އަހަރެމެންގެ ހޮސްޕިޓަލުގައި އަހަރެމެންނަށް މިފަދަ ހިދުމަތެއް ލިބެން ފެށީމަ އެއީ ވަރަށް އުފާވެރި ވަރަށް ޝުކުރުކުރާ ކަމެއް. ހާއްސަކޮށް މިއަދުގެ ރައީސަށާއި ހޮސްޕިޓަލުގެ އިސްވެރިންނަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެން އަތުން ވަރަށް ބޮޑު ހަރަދެއް މި ސަލާމަތްވީ. މާލޭގަ ތަންތަން ކުއްޔަށް ހިފައިގެން ތިބޭއިރު ވަރަށް ބޮޑު ހަރަދެއް. އެކަމަކު މިތާ އަމިއްލަ ރަށުގަ ތިބެފަ ހިދުމަތެއް ލިބުނީމަ އެ ހަރަދުތައް ކެނޑި، ދަރީން ކައިރީގައި ރަށުގަ ހުރެވުމަކީ އުފާކުރާކަމެއް" - މުލީ ރީޖަނަލް ހޮސްޕިޓަލުން ޑަޔަލިސިސްގެ ހިދުމަތް ހޯދި އެރަށު ރައްޔިތެއް

ސަރުކާރުން ވަނީ މިއަހަރުގެ ފެބްރުވަރީ މަހު ހއ. އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި އަދި އޭޕްރީލް މަހު ނ. ވެލިދޫ ޞިއްޙީ މަރުކަޒުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފައެވެ.

މާލެއާ އެއް ފެންވަރުގެ ޑަޔަލިސިސްގެ ހިދުމަތް ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް ލިބޭނެ ގޮތް ހައްދަވާ ދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ކެމްޕެއިނަށް ބ. ކަމަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ވެސް ރައީސް މިކަން އިއުލާނު ކުރައްވާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު