ENGLISH

12 ސެޕްޓެމްބަރު 2025

Advertisement

ޝަމްޢާންގެ މައްޗަށް ތިން ދަޢުވާއެއް އުފުލާ ކޯޓަށް ހުށައަޅައިފި

26 މޭ 2025

|

އަޙުމަދު ޙަމީދު

ކުރީގެ ކޮންޓްރޯލާ ޝަމްޢާން

މޯލްޑިވްސް އިމިގްރޭޝަނުގެ ކުރީގް އިމިގްރޭޝަން ކޮންޓްރޯލަރު އަހްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދަޢުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓަރު ޖެނަރަލްގެ އޮފީހުން ބުނީ ޝަމްޢާންގެ މައްޗަށް ދައުވާ އުފުލާ މައްސަލަ ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެ އެވެ.

* ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ

* މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ

* ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ

މި ދަޢުވާތަކުގެ ތެރެއިން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. 

މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގެ އަދަބަކީ ފަސް އަހަރާއި 15 އަހަރާ ދެމެދު ޖަލު ހުކުމެކެވެ. އަދި ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމުގެ ފުރުސަތު އޮވެ އެވެ.

ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އަދަބަކީ ތިން އަހަރާއި ދެ މަހާއި ދެ ދުވަހުގެ ޖަލު ހުކުމެކެވެ. އެހެން ކަމުން މި ދަޢުވާތައް ސާބިތުވެއްޖެނަމަ ވިއްސަކަށް އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ.

ޝަމްޢާންގެ އިތުރުން މި މައްސަލާގައި ހައްޔަރު ކޮށްފައިވާ އަނެއް ހަަތަރު މީހުންގެ މައްޗަށް ވެސް ވަނީ ދަޢުވާ އުފުލާފަ އެވެ.

ފުލުހުން ހިންގި އޮޕަރޭޝަން 

މާޗު މަހުގެ 12 ވަނަ ދުވަހު އިމިގްރޭޝަނުގެ ބައެއް މުވައްޒަފުން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުކޮށް މާފަންނުގައި ހުންނަ ގެއެއްގައި ދިރިއުޅޭ ބިދޭސީންތަކަކަށް އަމާޒުކޮށްގެން ރެއިޑެއް ހިންގިކަމަށް ފުލުހުން ބުނެ އެވެ. 

ފުލުހުން ފާހަގަަކުރި ގޮތުގައި މި ރެއިޑު ހިންގި ތިން މުވައްޒަފުންނަކީ މިފަދަ ރެއިޑުތައް ހިންގުމަށް އެކުލަވާލާފައިވާ ޓާސްކް ފޯހުގައި ހިމެނޭ ތިން މުވައްޒަަފުނެއް ނޫނެވެ. އަދި އެ މުވައްޒަފުންނަކީ އެފަދަ އޮޕަރޭޝަނެއް އިސްވެ ހިންގުމުގެ ބާރު އޮތް ބައެއް ނޫންކަމަށްވެސް ބުނެފައިވެ އެވެ. 

އޮޕަރޭޝަން ހިންގީ ޝަމްއާނަށް އެނގިގެން ދުރާލާ ރާވައިގެން ކަމަށާ އޮޕަރޭޝަން ހިންގުމަށްފަހު ޝަމްއާނަށް އެންގުމުން ރިސްކް މެނޭޖުމެންޓުގެ މުވައްޒަފުން އެތަނަށް ފޮނުވައި ސީން ޕްރޮސެސްކުރުވީ ވެސް ޝަމްއާނެވެ. 

ފުލުހުން ބުނި ގޮތުގައި އެތަނުން ހައްޔަރުކުރި މުވައްޒަފެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނުނެވެ. އެތަނުން ފައިސާއާއެކު ހައްޔަރުކުރި މުވައްޒަފު ބަންދުން ދޫކޮށްދިނުން އެދި އޭނާގެ ސްޕޮންސާގެ ފަރާތުންކަމަށް ބުނެ ސިޓީއެއް ހުށަހަޅާފަައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ސިޓީ ލިބުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ބިދޭސީމީހާ އަވަހަށް ދޫކުރުމަށް ޝަމްއާން ކަމާ ގުޅޭ ބަހާތަކަށް އެންގެވުމުން އޭނާ ދޫކޮށްލި ކަމުގައި ފުލުހުން ބުންޏެވެ. އެ ބިދޭސީމީހާއާ ހަވާލުވި މީހަަކީ މި މައްސަލާގައި އިމިގްރޭޝަަނުގެ މުވައްޒަފުން ހިންގި އޮޕަރޭޝަނުގައި ބައިވެރިވި އެކެއްގެ ތިމާގެ މީހެއްކަން ފުލުހުން ފާހަގަކުރިއެވެ. 

ފުލުހުން ބުނި ގޮތުގައި ސްޕޮންސާގެ ނަމުގައި އިމިގްރޭޝަނަށް ހުށަހަޅާފައިވާ ސިޓީއަކީ ސައްހަަ ސިޓީއެއް ނޫންކަން ތަހުގީގަށް ދެނެގަނެވިފައިވެ އެވެ. 

ބިދޭސީމީހާ ދޫކޮށްލުމާއެކު އޭނާގެ އަތުން އަތުލައިގަތް ފައިސާ އޭނާ އަތަށް ހުނދު ކޮތަޅަކަށް ލައި ދީފައިވެއެވެ. އެ ކޮތަޅު ލީ އޭނާއާ ހަވާލުވި މީހާގެ ސައިކަލު މަޑިދަށަށެވެ. ފަހުން ކާރެއްގައި ގޮސް ބިދޭސީމީހާ ކާރަށް އަރުވައި އޭނާގެ އަތުން އެ ފައިސާ ކޮތަޅު އަތުލީ އިމިގްރޭޝަނުގެ މުވައްޒަފުންނެވެ. 

އެ މުވައްޒަފުން ކާރުން ފާބައިގެން ގޮސް ސައިކަލު ނަގައިގެން އައިސް ފަހުން ކާރުން ފައިސާ ކޮތަޅު ނަގައިގެން އެ ފައިސާ ހިފައިގެން ދިޔައީ ޝަމްއާން ދިިރިއުޅުއްވި ގެއަށެވެ. އެގެއަށް ގޮސް ދަންވަރު 3:00 ހާއިރު ފައިސާ ކޮތަޅު ހިފައިގެން ޝަމްއާން ދިރިއުޅޭ އެޕާޓުމެންޓަށް އެ މުވައްޒަފުން ދިޔައެވެ. 

ކިޔުންތެރިންގެ ހިޔާލު