ENGLISH
26 މޭ 2025
މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން ރާއްޖެ ވަޑައިގެންފި
26 މޭ 2025
|
މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން ރާއްޖެ ވަޑައިގެންނެވުން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދިވެހި ޙައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާޙްކުރުމަށް މާދަމާ ބާއްވާ ޚާއްސަ ރަސްމިއްޔާތަށް މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ މިރޭ ރާއްޖެ ވަޑައިގަންނަވައިފި އެވެ.
އެމަނިކުފާނާއި، އެމަނިކުފާނާއެކު ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިތުރުން ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ އިސްވެރިންނެވެ.
މި ވަފުދުގައި ދެން އިސްކޮށް ހިމެނިލައްވާ ބޭފުޅުންގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ ފޮރިން އެފެއާޒް މިނިސްޓްރީގެ ޙައްޖު، އުމްރާ އަދި އެންޑޯސްމެންޓް ޑިޕާޓުމެންޓުގެ ޑިރެކްޓަރ ޖެނެރަލް ހިޒް އެކްސެލެންސީ މޭޖާ ޖެނެރަލް އަބްދުލްމުއްނިމް ބިން ޢަބްދުލް ރަޙްމާން އަލް މަޙްމޫދުގެ އިތުރުން މައްކާ ރޫޓު އިނީޝިއޭޓިވް ސްޓީރިންގ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މޭޖާ މުޙައްމަދު ބިން ނަސީރް އަލް ޙައްލާފް ފާހަގަކޮށްލެވެ އެވެ.
މީގެ އިތުރުން އެ ވަފުދުގައި ޖެނެރަލް އޮތޯރިޓީ ފޯ އެންޑޯމަންޓް ބޭންކްސް އެންޑް ޑިވެލޮޕްމަންޓް ޕްރޮގްރާމްސްގެ ނައިބް ރައީސް ހިޒް އެކްސަލަންސީ އަބްދު ރަހްމާން ބިން މުޙައްމަދު އަލް އަޤީލް ގެ އިތުރުން އެކި އެކި މުއައްސަސާތަކުގެ އިސް ބޭފުޅުން ވެސް ހިމެނެއެވެ.
ސަރުކާރުން ބުނީ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުއްވާފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން މިކަމުގައި ޤައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ޚާއްސަކަން ދެވިގެން ކަމަށެވެ.
މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙް ކުރުމަށް މާދަމާ މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމެޖެހިފައިވާއިރު މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާނީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ދިވެހި ޙައްޖުވެރިންނަށް ދެމުންދާ ޚިދުމަތްތައް ފަސޭހަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.