ENGLISH
26 މޭ 2025
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީގުކުރެއްވުމުގެ ރަސްމިއްޔާތު
25 މޭ 2025
|
ދިވެހިރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށްޓަކައި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު (ބިލު ނަންބަރު 2025/7)، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފި. މިއީ، ދިވެހިރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށްޓަކައި ކަމާގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި، އެފަދަ ކުށްތައް ހުއްޓުވުމަށް ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިދޭ ބާރުތައް ކަނޑައެޅުމާއި، އެފަދަ ކުށްތަކުން ކުޑަކުދިން ދުރުކުރުމަށް ފިޔަވަޅު އެޅުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެފަދަ ކުށްތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް މޮނިޓަރކޮށް ކޮންޓްރޯލްކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެނޫންވެސް ކަމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނު. ގޭންގް ޤާނޫނަކާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި، ތޫނު ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ޤާނޫނަކަށް، 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދަނީ ޢަމަލު ކުރެވެމުން. ނަމަވެސް މި ދެ ޤާނޫނުންވެސް ރައްޔިތުން އެދޭ ފަދަ ނަތީޖާއެއް ނެރެވިފައިނުވުމާއެކު، ރައީސުލްޖުމްހޫރިއްޔާ މި ތަޞްދީޤުކުރެއްވި ޤާނޫނުގެ ބޭނުމަކީ، ރައްޔިތުން އެދޭ ފަދަ ޙައްލެއް މިކަމަށް ގެނައުން.