ENGLISH

25 މޭ 2025

Advertisement

އެންމެން ގުޅިގެން އެއް ރޫޙެއްގައި މަސައްކަތް ކޮށްފިނަމަ މި ޤައުމުން ކުށްކުރުމުގެ މާޙައުލު ނައްތާލެވޭނެ: ރައީސް

25 މޭ 2025

|

އިސްމާއީލް ރާތިއު

ރައީސް، ގޭންގުތަކުން ކުރާ ކުށްތައް ހުއްޓުވުމުގެ ބިލު ތަޞްދީޤު ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

އެންމެން ގުޅިގެން އެއް ރޫޙެއްގައި މަސައްކަތް ކޮށްފިނަމަ މި ޤައުމުން ކުށްކުރުމުގެ މާޙައުލު ނައްތާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ މިއަދު، ގޭންގުތަކުން ކުރާ ކުށްތައް ހުއްޓުވުމުގެ ބިލު ތަޞްދީޤު ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. އެ މަނިކުފާނު ވިދާޅުވީ، ގުރޫޕު ހަދައިގެން އެކިކަހަލަ ކުށް ކުރުމާއި މީހުންގެ މުދަލަށް ގެއްލުން ދިނުން ފަދަ ކަންކަމަކީ އަޅުގަނޑުމެންނަށް ޙައްލު ކުރެވިދާނެ ކަންތައްތަކެއް ކަމަށެވެ. އަދި އަޅުގަނޑުމެން އެންމެންނަކީ މާތްވެގެންވާ އިސްލާމްދީނުގަ ފައިތިލަ ސާބިތުކޮށްގެން ތިބޭ އެއްބައެއްވަންތަ ބައެއް ކަމުން، މިފަދަ ކަންކަން ޙައްލުކުރުމަށް އެންމެން އެކައްޗެއް ކިޔައިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

"އާބާދީގެ ގޮތުން ކުޑަ ޤައުމެއް. އަޅުގަނޑުމެންގެ ތެރޭގައި ހުރި ނުރަނގަޅު އާދަތައް، އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކޮށްފިއްޔާ ޙައްލުކުރެވޭނެ ވަރުގެ ކުޑަ އާބާދީއެއް. އެހެންވީމަ އަޅުގަނޑު އެދެނީ އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގަ ފައިތިލަ ސާބިތުކޮށްގެން ތިބި އެއްބައެއްވަންތަ ބައެއް ކަމުގަ ވާތީ، މިހެން ހުރި ކަންކަން ޙައްލުކުރުމަ އަޅުގަނޑުމެން ހަމަ އެންމެން އެކައްޗެއް ކިޔަމާ ހިނގާށޭ. މީ ހަމަ އިރާދަ ކުރެއްވީތީ މި އެކުވެރިކަން އަޅުގަނޑުމެންގެ ތެރޭގައި ޤާއިމްކުރެވިއްޖިއްޔާ މާ އުނދަގޫ ކަމެއް ނޫން. އެހެންވީމަ ގުރޫޕު ހަދައިގެން އެކި ކަހަލަ ކުށްކުށް ކުރުން، މީހުންގެ މުދަލަށް ގެއްލުން ދިނުން، މިހެންގޮސް މިޒާތުގެ ހުރިހާ ކަމަކީ އަޅުގަނޑުމެންނަށް ޙައްލު ކުރެވިދާނެ ކަމެއް." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މި ބިލުގެ މަޤުޞަދަކީ ބަޔަކު ކުށްވެރި ކުރުން ނޫން ކަމަށާއި މި މުޖުތަމަޢަކީ ކުށްކުރުމުން ދުރުހެލިވެފައިވާ އެކުވެރި، އަމާން މުޖުތަމަޢަކަށް ހެދުން ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ ބަޔަކު ކުށްވެރި ކުރާކަށް ނޫން. އަޅުގަނޑު ބޭނުންވަނީ އެންމެން އެކުވެރިކަމާއެކުގަ ކުށްކުރުމުން ދުރުވާން. ދުރުވީމަ ކުށްކުރާނެ މީހަކު ނުހުންނާނެ. އެހެންވީމަ އެގޮތަށް މަސައްކަތް ކުރުމަށް އަޅުގަނޑު ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަން. އަދި އެދެނީ މި އެކުވެރިކަން އަޅުގަނޑުމެންގެ ތެރޭގައި ޤާއިމް ކުރަން. ކޮށްގެން އެންމެން ގުޅިގެން މަސައްކަތް ކުރީމަ އިރާދަ ކުރެއްވީތީ މި މުޖުތަމަޢަކީ އަޅުގަނޑުމެން ދެކެން ބޭނުންވާފަދަ އަމާން ތަނަކަށް ވާނެ."

މިއަދު ތަޞްދީޤު ކުރި ބިލާއެކު ގޭންގްތަކުން ހިންގާ ކުށްތައް ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ޤާނޫނީ ގިނަ ބާރުތަކެއް ވަނީ ލިބިފައެވެ. އެގޮތުން ގޭންގްތަކުގެ ބާރުވެރިކަން ކަނޑުވާލުމުގެ ގޮތުން ގޭންގްތަކާއި އަދި ގޭންގްތަކާއި ގުޅިފައިވާ ފަރާތްތައް ކޯޓު މެދުވެރިކޮށް ކަނޑައެޅިގެންދާނެއެވެ. ގޭންގްތަކަށް ފައިނޭންސްކުރާ މީހުން ރެކްރޫޓްކޮށް ހުއްޓުވުމުގެ ބާރުވެސް އާ ޤާނޫނާއެކު ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު