ENGLISH

25 މޭ 2025

Advertisement

ހަޤީޤަތް އޮޅުވާލާ މީހުންނަށް މިނިސްޓަރު މުއްތަލިބު ވިދާޅުވެ ދެއްވީ މުލީ އެއާޕޯޓް މަސައްކަތުގެ ޓައިމްލައިން

25 މޭ 2025

|

އަޙުމަދު ޙަމީދު

މުލަކަތޮޅުގައި ތަރައްޤީ ކޮށްފައިވާ ފުރަތަމަ އެއާޕޯޓް

މުލަކަތޮޅުގައި ތަރައްޤީ ކޮށްފައިވާ ފުރަތަމަ އެއާޕޯޓް -- މުލީ އެއާޕޯޓްގެ މަސައްކަތުގެ ހަޤީޤަތް އޮޅުވާލާ އެކި ވާހަކަތައް ދައްކަމުންދާތީ އެ އެއާޕޯޓްގެ މަސައްކަތު ޓައިމްލައިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ހިއްސާކުރައްވާ އެ މީހުންނަށް ވަރުގަދަ ރައްދެއް ދެއްވައިިފި އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އުފެދުނުއިރު ވެސް މުލީ އެއާޕޯޓްގެ އެތައް މަސައްކަތެއް ނުނިމި ހުއްޓެވެ. އެހެން ކަމުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މުލީ އެއާޕޯޓްގެ މަސައްކަތް ނިންމެވުމަށް ރައީސް ވަނީ އިރުޝާދު ދެއްވާފަ އެވެ. އެ އިރުޝާދާ އެއްގޮތަށް މުލީ އެއާޕޯޓްގައި ނުނިމިހުރި މަސައްކަތްތައް ނިންމާ މިހާރު ވަނީ އެއާޕޯޓް ހުޅުވާފަ އެވެ. އެއާޕޯޓް ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި އެއާޕޯޓަކީ ކުރީ ސަރުކާރުން ހެދި އެއާޕޯޓެއް ކަމަށް ބުނެ މުޅި މަޝްރޫއުގެ މަސައްކަތުގެ ހަޤީޤަތް އޮޅޭ ގޮތަށް ވާހަކަ ދައްކަމުންދާ މީހުންނަށް ރައްދަކަށް ފުދޭ ގޮތަށް މިނިސްޓަރު މުއްތަލިބު ވަނީ މުލީ އެއާޕޯޓް މަސައްކަތުގެ ޓައިމްލައިން ހިއްސާކުރައްވާފަ އެވެ.

އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފެށީ ރައީސް މުޢިއްޒުގެ ހައުސިން މިނިސްޓަރު ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މާޗް 11, 2014 ގަ އެވެ. 159 މިލިއަން ރުފިޔާ ޚަރަދުކުރި އެ މަސައްކަތް ނިންމާލީ ނޮވެންބަރު 2019 ގަ އެވެ.

އެއާޕޯޓް ރަންވޭ އަދި އިންފްރާސްޓްރަކްޗާގެ މަސައްކަތް ފެށީ ފެބްރުއަރީ 28, 2021 ގަ އެވެ. 221 މިލިއަން ރުފިޔާގެ އެ މަސައްކަތް ކުރިއަށް ދަނިކޮށް ރަންވޭ އިތް ތަނުގެ ގޮތުން މުލީ ބިމުގެ ބޭނުން ކުރުމަށް އަސަރުކުރާނެތީ އާއި ސާފިން އޭރިއާ އާއި ރަންވޭ މާ ގާތްވުމުން ރަންވޭގެ ލޮކޭޝަން ބަދަލުކޮށް އިތުރަށް ބޭނުންވާ ވެލި އެޅުމާއި ރިވެޓްމަންޓް ޖެހުމަށް އިތުރު 22 މިލިއަން ޚަރަދުކޮށް އިތުރު އެއްބަސްވުމެއް މާޗް 8, 2021 ގައި ވި އެވެ.

އޭގެ ފަހުން ރަންވޭ އެކްޓެންޝަން އަދި އެޑިޝަނަލް އިތުރު މަސައްކަތްތައް ކޮށްފައި ވަނީ 28 ޖުލައި 2024 ގެ ފަހުން ރައީސް މުއިއްޒުގެ ވެރިކަމުގަ އެވެ.

މުލީ އެއާޕޯޓްގެ ހުވަފެން ހަޤީޤަތަކަށް ހަދައިދީ އެެއާޕޯޓަށް ރަސްމީކޮށް އިއްޔެ ވަނީ ޝެޑިއުލް ދަތުރުތައް ވެސް ފަށާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު