ENGLISH
25 މޭ 2025
ހުޅުމާލޭގައި މާރާމާރީއެެއް، އެކެއްގެ ބޯ ފަޅާލާ އަނިޔާތަކެއް ވެއްޖެ
25 މޭ 2025
|
ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާ
ހުޅުމާލޭ ގައި މިއަދު މާރާމާރީއެއް ހިންގާ މީހެއްގެ ބޯ ފަޅާލައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ހުޅުމާލޭ ބްރެވިގަސް މަގުގައި ހުންނަ ލޮޓެއް ކައިރީގަައި ހިނގި މާރާމާރީއެއްގެ ރިޕޯޓް އެ އިދާރާ ލިބުނީ މެންދުރު 1:00 ގައި ކަމަށެވެ.
މި ރިޕޯޓާއި ގުޅިގެން ފުލުހުން ސީނަށް ގޮސް ބެލި ބެލުމުން މިއީ އަންހެނެއްގެ ކުރީ ފިރިމީހާއާ އެ އަންހެން މީހާ މިހާރު ހިތާވެގެން އުޅޭ މީހާއާ ދެމެދު ހިނގި މާރާމަރީއެއް ކަން އެނގިފައިވާ ކަމަށެވެ. އަދި މާރާމާރީ ހިންގި ވަގުތު އެ އާއިލާގެ ބަޔަކު ބައިވެރިވެ އިތުރަށް ހަމަނުޖެހުން ހިންގާާފައިވާ ކަމަށެވެ.
މާރާމާރީ ގައި އެކެއްގެ ބޯ ވަނީ ފަޅައިގެންގޮސްފަ އެވެ. އަދި ދެ މީހުންނަށް ވެސް އެކި ވަރުގެ ކުދި އަނިޔާތައް ވެފައިވެ އެވެ.
އެ ދެ މީހުންނަށް ވެސް ހޮސްޕިޓަލް ގައި ފަރުވާ ދިނުމަށް ފަަހު ވަނީ ދޫކޮށްލާފަ އެވެ.
ފުލުހުން ބުނީ މާރާމާރީއާ ގުޅިގެން އެ ދެ މީހުން މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މާރާމާރީ ހިންގި މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށެވެ.