ENGLISH
25 މޭ 2025
އިޒްރޭލުން ދިން ޙަމަލާއެއްގައި ޣައްޒާގެ ޑޮކްޓަރެއްގެ މުޅި އާއިލާ ޝަހީދުވެއްޖެ
25 މޭ 2025
|
ފަލަސްޠީނުގެ ޣައްޒާއަށް އިޒްރޭލުން ދީން ޙަމަލާއެއްގައި، އެތަނުގައި މަސައްކަތް ކުރާ ޑޮކްޓަރެއްގެ މުޅި އާއިލާ ޝަހީދުކޮށްލައިފިއެވެ.
ޚާން ޔޫނިސްގައި ހުރި ގެއަކަށް ބޮންއަޅައި، އަލް-ނާޞިރު ހަސްފަތާލުގައި މަސައްކަތް ކުރާ ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރު، ޢަލާ އަލް-ނައްޖާރުގެ ނުވަ ދަރިން ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ ތެރޭގައި އެންމެ ހަތް މަހުގެ ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ.
ނައްޖާރުގެ ގެއަށް ޔަހޫދީ ފައުޖުން ބޮންއެޅި ވަގުތު، އޭނާ ހުރީ ހަސްފަތާލުގައި ޚިދުމަތް ކުރާށެވެ. ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ، ޝަހީދު ކޮށްލާފައިވާ ކުދިންގެ ތެރެއިން ދެ ކުދިންގެ ހަށިގަނޑު، އެ ގޭގެ އިމާރާތުގެ ދަށުގައި އަދިވެސް ތާށިވެފަައިވާ ކަމުގައެވެ. އެ ޙަމަލާގައި ނައްޖާރުގެ ފިރިމީހާއަށް ވެސް ބޮޑެތި ޒަޚަމުތަކެއް ވަނީ ލިބިފައެވެ.
ނައްޖާރު ދިރިއުޅޭ ގެއަށް ގަސްދުގައި ދީފައިވާ ޙަމަލާ އދ.އިން ވެސް ވަނީ ކުށްވެރި ކޮށްފައެވެ.
ޙަމާސް ޖަމާޢަތުން ބުނީ، ޞިއްޙީ ޚިދުމަތްތެރިންނާއި، އެ މީހުންގެ ޢާއިލާތަކުގެ އިތުރުން ޢާންމުންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ގަސްދުގައި މި ފަދަ ޙަމަލާތައް އަމާޒު ކުރަމުން ދިޔުމަކީ އާ ކަމެއް ނޫން ކަމަށެވެ.
އިޒްރޭލުން ޣައްޒާއަށް އަރައިގަނެ، އަސްކަރީ ހަރަކާތްތައް ވަރުގަދަކޮށްފައިވަނީ، ޙަމާސް ނެތިކޮށްލައި، އަސީރުން މިނިވަންކުރަން ކަމަށް ބުނެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.
ވައިގެ މަގުން ދޭ ޙަމަލާތަކުގެ އިތުރުން، އިޒްރޭލުގެ ފައުޖުން އެއްގަމުން ވެސް ޣައްޒާއަށް ވަދެގަނެ، ދެމުންދާ ޢުދުވާނުތަކުގައި ކޮންމެ ދުވަހަކު ވެސް ދަނީ ފަލަސްތީނުގެ މައުސޫމް އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.
އަދި މާޗް 2 އިން ފެށިގެން ޣައްޒާއަށް އެހީ ވެއްދުމުގެ މަގުތައް ބަންދުކޮށްފައިވާއިރު، ޣައްޒާއަށް އެހީ ވެއްދުމުގެ ފުރުޞަތު ނުދޭނެކަމަށް އިޒްރޭލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.