ENGLISH

25 މޭ 2025

Advertisement

ޚުދުމުހުތާރުކަމަށް އެނބުރި ނުދާން، އެއްބައިވަންތަކަމަށް ބަންގްލަދޭޝްގެ ސަރުކާރުން ގޮވާލައިފި

25 މޭ 2025

|

ހަސަން އާމިރު

ބަންގްލަދޭޝް އަނބުރާ ހުދުމުހުތާރު ކަމަށް ސޮއްސާލައިގެން ދިޔުން ހުއްޓުވުމަށްޓަކައި، ޤައުމުގެ ހުރިހާ ސިޔާސީ ޕާޓީތަކެއް ގުޅިގެން މަސައްކަތް ކުރުމަށް އެ ޤައުމުގެ އިންތިޤާލީ ސަރުކާރުން ގޮވާލައިފިއެވެ.

ބަންގްލަދޭޝްގައި އެތަކެއް ހާސް ދަރިވަރުންތަކެއް ނުކުމެ ކުރި މުޒާހަރާތަކަށްފަހު، ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ވެރިކަން ވެއްޓުމުން، އިންތިޤާލީ ސަރުކާރެއް ޤާއިމުކުރީ މިދިޔަ އޯގަސްޓު މަހުއެވެ.

ޔުނިވާރސިޓީގެ ދަރިވަރުން އިސްވެ ކުރި މުޒާހަރާއަށް ފަހު، ހެލިކޮޕްޓަރެއްގައި ހަސީނާ ޤައުމު ދޫކުރައްވާ، އިންޑިޔާއަށް ވަޑައިގެންނެވީ، މުޒާހަރާގެ ބައިވެރިން ރިޔާސީ ގަނޑުވަރަށް ވަދެގަތުމުންނެވެ.

ނަމަވެސް، އާ އިންތިޚާބެއް ބޭއްވުން ލަސްވަމުންދާތީ އެކަމުގެ ހިތްހަމަނުޖެހުން ވަނީ ބޮޑުވެފައެވެ. މިގޮތުން، ފާއިތުވި ދުވަސްތަކުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ އިންތިޚާބު އަވަސްކުރަން ގޮވާލައި، މަގުތަކަށް ނުކުމެ މުޒާހަރާކޮށްފައެވެ.

އިންތިޤާލީ ސަރުކާރުގެ ވެރިޔާ މުޙައްމަދު ޔޫނުސްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ، ހަސީނާގެ ވެރިކަމުގައި ފެނުނު ހުދުމުހުތާރު ކަމާއި އަނިޔާވެރިކަމުގެ އިޔާދަވުން ހުއްޓުވުމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އެހެންނޫން ނަމަ، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ބަންގްލަދޭޝަށް ހޯދުނު ކުރިއެރުންތައް އަނެއްކާވެސް ފަހަތަށް ސޮއްސައިލުމުގެ ބިރު އެބައޮތް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ބަންގްލަދޭޝްގައި ޢާންމު އިންތިޚާބެއް އަންނަ އަހަރުގެ ފަހުކޮޅު ނޫނީ 2026 ވަނަ އަހަރުގެ ކުރީކޮޅު ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޔޫނުސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، ބަންގްލަދޭޝްގެ މައި އިދިކޮޅު ޕާޓީތަކުން ޕްރެޝަރު ކުރަމުންދަނީ އަންނަ ޑިސެމްބަރު މަހު އިންތިޚާބު ބާއްވަން އިޢުލާނުކުރުމަށެވެ.

މިކަމުގައި އޮތް ނުތަނަވަސްކަމަށް ޙައްލެއް ހޯދުމަށް، ޔޫނުސް މިހާރު ވަނީ އިދިކޮޅު ޕާޓީތަކުގެ ވެރިންނާ ބައްދަލުވެސް ކުރައްވައިފައެވެ. އަދި އެކަމުގެ އިތުރު މަޝްވަރާތައް މިއަދަށް ވެސް ތާވަލުކުރެވިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު