ENGLISH
25 މޭ 2025
ފުޓްބޯޅައަށް ހައްގު މަގާމު އަނބުރައި ހޯދައިދިނުން ދަނީ ކާމިޔާބީގެ އަމާޒަށް: ރައީސް
25 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ އަތޮޅުތެރޭގެ ރަށަކަށް ކުރެއްވި ދަތުރުފުޅެއްގައި ފުޓްބޯޅަ ކުޅުއްވަނީ. ފޮޓޯ: ރައީސް އޮފީސް
ފުޓްބޯޅައަށް ހައްގު މަގާމު އަލުން އަނބުރައި ހޯދަައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ދަނީ ކާމިޔާބީގެ އަމާޒަށް ދަތުރުކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ފުޓްބޯޅަ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ދިވެހި ފުޓްބޯޅަ ވަނީ މުޅި ޤައުމު އެއްބައިވަންތަ ކޮށްދީފައި ކަމަށެވެ. އަދި ފުޓްބޯޅައިން ޤައުމު ފަޚުރުވެރިވާނެ އެތައް ހުނަރުވެރިއެއްވެސް އުފައްދައިދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ފުޓްބޯޅަ ވަނީ ރާއްޖޭގެ ކުދިބޮޑު ހުރިހާ ރަށްރަށެއްގައި އިޖްތިމާއީ ރޫހު އާލާކޮށްދީފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ހުއްޓިފައި އޮއްވައި ސަރުކާރުން އަންނަނީ ފުޓްބޯޅަ އަލުން ފަށަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި، ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ނުފެށި ގިނަ ދުވަސްވާތީ ކްލަބްތަކަށް އަމާޒުކޮށްގެން ފީފާގެ އެހީގައި މިދުވަސްވަރު ކްލަބް މުބާރާތެއް އަންނަނީ ބާއްވަމުންނެވެ.
ބައިނަލްއަޤްވާމީ ފުޓްބޯޅަ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވަނީ ހަރަކާތްތައް ހިންގައިފައެވެ. އެގޮތުން، އެކަޑެމީތަކުގެ ކުޅުންތެރިން ވަނީ އިއްޔެ ހަވީރު ދަނޑުތަކަށް ގޮސް ފުޓްބޯޅައިގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތްތައް ހިންގުމުގައި މާލޭގެ އިތުރުން ބ. އޭދަފުއްޓާއި ހދ. ކުޅުދުއްފުށިން ވަނީ ބައިވެރިވެފައެވެ.