ENGLISH

25 މޭ 2025

Advertisement

ގޭންގްތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ބިލް ރައީސް ތަޞްދީޤުކުރައްވައިފި

25 މޭ 2025

|

ޢަލީ ޝަހީމް

ގޭންގްތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ބިލް ރައީސް ތަޞްދީޤުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ގޭންގްތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލް (2025/7) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

ރައީސް، އެ ބިލް ތަޞްދީޤުކޮށްދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ. ރައީސްގެ އަރިހުގައި، ބިލް ތަންފީޛުކުރުމުގައި ހަރަކާތްތެރިވާ އިދާރާތަކުގެ އިސްވެރިން ބައިވެރިވެޑައިގެންނެވިއެވެ. އެގޮތުން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ ޢަލީ އިހުސާންއާއި އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމްގެ އިތުރުން ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ބައިވެރިވެވަޑައިގަތެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 2025 މެއި 15 ވަނަ ދުވަހެވެ. ސަރުކާރުގެ ފަރާތުން ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މަންޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްޠަފާ ޙުސައިންއެވެ. ރައްޔިތުންގެ މަޖިލީހުން ބިލް ފާސްކުރީ 55 މެންބަރުންގެ ވޯޓުންނެވެ. ބިލް ފާސްކުރުމަށް ވަކިކޮޅަކަށް ނުފެންނަ ކަމަށް މަޖިލީހުގެ 11 މެންބަރަކު ވޯޓުދެއްވިއެވެ. 

މިއަދު ތަޞްދީޤު ކުރި ބިލާއެކު ގޭންގްތަކުން ހިންގާ ކުށްތައް ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ޤާނޫނީ ގިނަ ބާރުތަކެއް ވަނީ ލިބިފައެވެ. އެގޮތުން ގޭންގްތަކުގެ ބާރުވެރިކަން ކަނޑުވާލުމުގެ ގޮތުން ގޭންގްތަކާއި އަދި ގޭންގްތަކާއި ގުޅިފައިވާ ފަރާތްތައް ކޯޓު މެދުވެރިކޮށް ކަނޑައެޅިގެންދާނެއެވެ. ގޭންގްތަކަށް ފައިނޭންސްކުރާ މީހުން ރެކްރޫޓްކޮށް ހުއްޓުވުމުގެ ބާރުވެސް އާ ޤާނޫނާއެކު ވަނީ ލިބިފައެވެ.

ގޭންގްތަކާއި ގުޅޭ މައްސަލަތަކުގައި ނުހައްގު މުއްސަނދިކަން ހޯދާފައިވާ ފަރާތްތަކުގެ މައްސަލަތައް ތަޙްޤީގުކޮށް އެފަދައިން ހޯދާފައިވާ ފައިސާއާއި މުދާ ކޯޓު މެދުވެރިކޮށް ދައުލަތަށް ނެގޭނެ ގޮތްތައް ވެސް ޤާނޫނުގައި ވަނީ ކަނޑައަޅައިފައެވެ. ބިލުގައިވާ އެހެނިހެން ބަދަލުތަކަށް ބަލާއިރު، ގޭންގްތައް ހަރަކާތްތަކާ ދެކޮޅަށް ކޮންޓްރޯލް ޑެލިވަރީ އަދި ސިއްރު އޮޕަރޭޝަންތައް ހިންގުމާއި، ކުޑަކުދިން ގޭންގްތަކާ ގުޅުވުން ހުއްޓުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު