ENGLISH
25 މޭ 2025
އަންނަ އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް މަސައްކަތްކުރައްވާކަމަށް ރައީސް ވިދާޅުވެއްޖެ
25 މޭ 2025
|
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ރައީސް ޒިޔާރަތްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
އަންނަ އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް މަސައްކަތް ކުރައްވާކަމަށާއި އެކަން ކުރައްވާނީ މަޝްވަރާކުރައްވައި، ޕްލޭން ކަނޑައަޅުއްވައިގެން ވަށައިޖެހޭ ގޮތެއްގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަށް ކުރެއްވި ދެވަނަ ޒިޔާރަތުގައި ޕީ.އެސް.އެމަށް ރޭ ދެއްވި ބަސްދީގަތުމެއްގައެވެ.
ރައީސް ވިދާޅުވީ މިއަންނަ އަހަރަށް ބަހާލައިގެން އުފެއްދުންތެރިކަމަށް ފުޅާދާއިރާއެއްގައި ފުރުޞަތު ފަހިކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ކްރިއޭޓިވް އިކޮނަމީއެއް ޤާއިމުކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގެ ވަރަށް މުހިންމު ވަޢުދެއްކަން ރައީސް ހާމަކުރެއްވިއެވެ. ރައީސް ވިދާޅުވީ 2030 ވަނަ އަހަރަށް ދާއިރު މުޅި ޖީޑީޕީގެ 15 އިންސައްތަ އާމްދަނީ، ކްރިއޭޓިވް އިންޑަސްޓްރީއިން ލިބޭ މިންވަރަށް އެ ސިނާޢަތް ފުޅާކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.
އަމިއްލަ އުފެއްދުންތެރިކަން ދެއްކުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދެއްވާނެކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޑިޖިޓަލައިޒްކޮށް ތަކެތި އެކި ކަންކޮޅުތަކަށް ފޯރުކޮށްދެވި، އެއިން މަންފާ ލިބޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި، މިއަހަރު މިބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ ވަރަށް ކާމިޔާބު މަޢުރަޒެއްކަމުގައި ވިދާޅުވިއެވެ.
މެދުކެނޑުމަކަށްފަހު އަލުން މަޢުރަޒު ހުޅުވާލުމަކީ ފެށުމެއްކަމުގައި ވިދާޅުވެ މި ފެށުން ރައްޔިތުން ބަލައިގެންފައިވާ މިންވަރު، މަޢުރަޒަށް ޒިޔާރަތްކުރެއްވުމުން ފެނިވަޑައިގަންނަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު" ގެ ނަމުގައި މަޢުރަޒެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު 19 މޭ 2024 ގައެވެ. މަޢުރަޒުގެ ކަންކަން އިންތިޒާމުކޮށް ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ.