ENGLISH
04 ޖުލައި 2025
އާއްމު ދަތުރުތައް ފަށައި މުލީ އެއަރޕޯޓަށް ފުރަތަމަ ފްލައިޓް ޖައްސައިފި
25 މޭ 2025
|
މުލީ އެއަރޕޯޓަށް ކުރި ފުރަތަމަ އާއްމު ދަތުރުގެ ފްލައިޓުން ދަތުރުކުރި މީހުން. ފޮޓޯ: ރީޖަނަލް އެއަރޕޯޓްސް
މ. އަތޮޅުގައި ސަރުކާރުން ތަރައްޤީކުރި މުލީ އެއަރޕޯޓުގެ އާއްމު ދަތުރުތައް ފަށައި ފުރަތަމަ ފްލައިޓް އިއްޔެ ޖައްސައިފިއެވެ.
މުލީ އެއަރޕޯޓް މިމަހުގެ 20 ވަނަ ދުވަހު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މުލީ އެއަރޕޯޓް ހިންގާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން މިއަދު 'އެކްސް' ގައި ކުރި ޕޯސްޓުގައި ބުނީ ކާމިޔާބުކަމާއެކު މުލީ އެއަރޕޯޓަށް އާއްމު ދަތުރުފަތުރުގެ ފުރަތަމަ ފްލައިޓް ޖެއްސުމަކީ ފަހުރެއް ކަމަށެވެ. ރީޖަނަލް އެއަރޕޯޓްސްއިން ބުނީ މުލީ އެއަރޕޯޓަށް ކޮންމެ ހޮނިހިރު ދުވަހަކު ޝެޑިއުލް ދަތުރުތައް ކުރާނެ ކަމަށެވެ.
މޯލްޑިވިއަނުން އެރަށަށް ކުރާ ދަތުރުގައި މާލެއިން ފުރާނީ ހޮނިހިރު ދުވަހުގެ 15:30 ގައެވެ. އަދި، މުލީ އެއަރޕޯޓުން ފުރުމަށް ހަމަޖެހިފައިވަނީ 16:45 ގައެވެ.
ފުރަތަމަ ފްލައިޓްގައި މ. އަތޮޅަށް ދިޔަ މީހުންނަށް އެއަރޕޯޓުން ވަނީ ހާއްސަ ހަދިޔާއެއް އަރުވައިފައެވެ.
މުލީ އެއަރޕޯޓްގެ މަސައްކަތް އެއްކޮށް ނިންމައި ފުރަތަމަ ޓެސްޓް ފްލައިޓް ޖެއްސީ އޭޕްރީލް 25 ވަނަ ދުވަހެވެ.
ރީޖަނަލް އެއަރޕޯޓްސްއިން ވަނީ މުލީ އެއަރޕޯޓުގެ ކޮމާޝަން އޮޕަރޭޝަންސްތައް ފެށުމަށްޓަކައި، ރާއްޖޭގެ އެތެރޭގެ ދަތުރުތައްކުރާ މޯލްޑިވިއަންގެ އިތުރުން ވިލާ އަދި މަންތާ އެއާލައިނަށް ފުރުސަތު ހުޅުވާލާފައެވެ.
ފަނަރަ ސަތޭކަ މީޓަރުގެ ރަންވޭއެއް ތަރައްޤީކޮށްފައިވާ މި އެއަރޕޯޓަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ޑޮމެސްޓިކް އެއަރޕޯޓެކެވެ. މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީއެވެ.
މި އެއަރޕޯޓް ތަރައްޤީކުރުމަށް 36 ހެކްޓަރުގެ ބިން އެރަށުން ވަނީ ހިއްކާފައެވެ. އެއާޕޯޓު ގާއިމުކޮށްފައިވަނީ 1500 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއެކު އެވެ. މި މަޝްރޫޢުއަކީ ސަރުކާރުން 500 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.