ENGLISH
04 ޖުލައި 2025
ހައްޖުވެރިންގެ ކަންކަން ފަސޭހަކުރުމުގެ މަސައްކަތްތަކާއެކު ހެޔޮ ނަތީޖާ ދަނީ ފެންނަމުން: ޑރ. ޝަހީމް
25 މޭ 2025
|
މިއަހަރު ރާއްޖެއިން ހައްޖަށް ދާ ފުރަތަމަ ފްލައިޓުގެ ހައްޖުވެރިންނަށް ރޭ ހައްޖު ކޯޕަރޭޝަނުން ބޭއްވި ތަމްރީން ބައްދަލުވުމުގައި ޑރ. ޝަހީމް ވާހަކަފުޅުދައްކަވަނީ. ފޮޓޯ: އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ
ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ދިވެހި ހައްޖުވެރިންގެ ކަންކަން ފަސޭހަ ކުރުމަށް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން ޙައްޖުވެރިންގެ ކަންކަން ފަސޭހަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އެކަންކަމުގެ ހެޔޮ ނަތީޖާވެސް ފެންނަމުންދާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މިއަހަރު ރާއްޖެއިން ހައްޖަށް ދާ ފުރަތަމަ ފްލައިޓުގެ ހައްޖުވެރިންނަށް ރޭ ހައްޖު ކޯޕަރޭޝަނުން ބޭއްވި ތަމްރީން ބައްދަލުވުން ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ހައްޖުވެރިންނަށް ލިބިގެންދިޔަ އެންމެ ފަސޭހައަކީ ސައުދީ އަރަބިއާގެ ސަރުކާރުން މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނަން ނިންމެވުން ކަމަށެވެ. ޑރ. ޝަހީމް ވިދާޅުވީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ފައިދާ ޖިއްދާ އެއާޕޯޓުން ހައްޖުވެރިންނަށް އިހުސާސްކުރެވިގެންދާނެ ކަމަށެވެ. އެގޮތުން، އެއާޕޯޓުން ސައުދީ ސަރުކާރުގެ އިސްތިގުބާލު ކުރައްވާނެކަމަށާއި، އިމިގްރޭޝަންގެ ކަންކަން ފަސޭހަވަގެންދާނެ ކަމަށެވެ. ޑރ. ޝަހީމް ވިދާޅުވީ ފޮށިތައް ނެގުމަށް ހައްޖުވެރިން އެއާޕޯޓުގައި މަޑުކުރަން ނުޖެހި ވަގުތުން ހޮޓަލަށް ދިއުމުގެ ފަސޭހަ ވެސް ލިބިގެންދާނެ ކަމަށެވެ. އަދި، ހައްޖުވެރިންނަށް ދިމާވާ ކޮންމެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހައްޖު ކޯޕަރޭޝަން ތައްޔާރުވާނެކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
ދިވެހި ހައްޖުވެރިންގެ ތެރެއިން މިއަހަރު ފުރާ ފުރަތަމަ ފްލައިޓުގެ ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު އެއާޕޯޓުގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާޙްކޮށްދެއްވާނީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.