ENGLISH

25 މޭ 2025

Advertisement

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަންގު ޓީވީގެ އަހަރީ ހަފްލާ ޝަރަފްވެރިކޮށްދެއްވައިފި

24 މޭ 2025

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަންގު ޓީވީގެ 10 ވަނަ އަހަރީ ދުވަހުގެ ހަފްލާގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

އަމިއްލަ ފަރާތަކުން ރާއްޖޭގައި ހިންގާ ސަންގު ޓީވީގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޙަފްލާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިރޭ ޝަރަފްވެރިކޮށްދެއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފްވެރިކޮށްދެއްވި ޙަފްލާ މިރޭ އޮތީ ފަރުކޮޅުފުށީގައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ހަފްލާގައި ބައިވެރިވަޑައިގެން، ސަންގު ޓީވީގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި އެވޯޑް ޙަވާލުކޮށްދެއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން، ސަންގު ޓީވީގެ 2024 ވަނަ އަހަރުގެ ސްޓާފް އޮފް ދި އިޔަރ ޙާސިލްކުރި މާހަތު ޙުސައިން ރަޝީދަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެވޯޑް ޙަވާލުކޮށްދެއްވައިފައެވެ. އަދި، މެޑަމް ސާޖިދާ މުޙައްމަދު ވަނީ ސަންގު ޓީވީގެ އެންމެ އުއްމީދީ މުވައްޒަފު އާމިނަތު ވިރުޝާއަށް އެވޯޑް ޙަވާލުކޮށްދެއްވައިފައެވެ. 

އެވޯޑްތައް ޙަވާލުކޮށްދެއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ސަންގު ޓީވީގެ އިސްވެރިންނާއި މުވައްޒަފުންނާއެކު، މުނާސަބަތަށް ޚާއްޞަކުރި ކޭކެއް ފަޅުއްވައިދެއްވައި، ޙަފްލާއާ ގުޅުވައިގެން ބޭއްވި ހަވާ އެރުވުމުގެ ހަރަކާތް ބައްލަވާލައްވައިފައެވެ. 

ސަންގު ޓީވީއަށް 10 އަހަރުވީ ޙަފްލާގައި އެ ޓީވީގެ ފަރާތުން ވަނީ އެކި ގޮތްގޮތުން ޓީވީއަށް އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވުމުގެ އިތުރުން، އެކި ގޮތްގޮތުން ފާހަގަކުރެވޭ ކާމިޔާބީތައް ޙާޞިލްކުރި މުވައްޒަފުންނަށް ހަނދާނީ ފިލާ އަރުވާފައެވެ. 

މިރޭގެ ޙަފުލާގައި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް އިންފޮރމޭޝަން އެންޑް އަރޓްސް، އިބްރާހީމް ވަޙީދުގެ އިތުރުން، ދައުލަތާއި މީޑިއާގެ އެކި ދާއިރާތަކުގެ އިސްވެރިންނާއި ސަންގުޓީވީގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

އަމިއްލަ މީޑިއާއެއްގެ ގޮތުގައި ސަންގު ޓީވީ އުފެދުނީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހެވެ. އޭގެފަހުން އެ މީޑިއާއިން އަންނަނީ ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި މެދުކެނޑުމެއް ނެތި ހަރަކާތްތެރިވަމުންނެވެ. 


ކިޔުންތެރިންގެ ހިޔާލު