ENGLISH
25 މޭ 2025
ކުދިން ބަލަހައްޓާ މަރުކަޒުތަކަށް ދިރާގުން ދެލައްކަ ރުފިޔާ ހަދިޔާކޮށްފި
24 މޭ 2025
|
ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކަށް ދިރާގުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ
ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓާ މަރުކަޒުތަކަށް ދިރާގުން 230،380 ރުފިޔާ ހަދިޔާކޮށްފިއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ، ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން ކަމަށެވެ. ދިރާގަށް އެ ފައިސާ ލިބިފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ ރަމަޟާން މަހު ހިންގި ޕްރޮގްރާމުން ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
ފައިސާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ފަރާތުން ފައިސާއާ ހަވާލުވެވަޑައިގަތީ ވަޒީރު ޑރ. ޢާއިޝަތު ޝިހާމެވެ. ރަސްމިއްޔާތުގައި ދިރާގުގެ ފަރާތުންނާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ކުދިން ބަލަހައްޓާ މަރުކަޒުތަކަށް މާލީ އެހީތެރިކަމެއް ދިރާގުން ފޯރުކޮށްދިންއިރު، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން އަންނަނީ އެ ވުޒާރާގެ މެންޑޭޓުގައި ހިމެނޭ އެކި އުމުރުފުރާތަކުގެ މީހުންނަށް އަމާޒުކޮށްގެން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމަށް މަސައްކަތްކުރާ އަދި އިޖުތިމާއީ ޚިދުމަތްތައް ފޯރުކޮށްދޭ އެންޖީއޯތަކާއެކު މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޔޫތު، އިންފޮމޭޝަން އެންޑް އާރޓްސްއާ އެކު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ.
އެހެން ހަރަކާތްތަކަށް ބަލާއިރު މިދިޔަ ހަފްތާގައި އެ ވުޒާރާއިން ވަނީ އިސްރަށްވެހިންނަށް އަމާޒުކޮށްގެން ސިއްހީގޮތުން ދުޅަހެޔޮކޮށް ތިބުމަށާއި، އުފާވެރިކަމާއެކު ދޮށީއުމުރު ހޭދަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން "އުފާވެރި ރާސްތާ" ޕްރޮގްރާމް ކ. ހުރާގައި ކުރިއަށް ގެންގޮސްފައެވެ.