ENGLISH

25 މޭ 2025

Advertisement

ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތުން އޭޕްރީލް މަހު 17.8 އިންސައްތައިގެ ކުރިއެރުމެއް

24 މޭ 2025

|

ޢަލީ ޝަހީމް

މިއަހަރުގެ އޭޕްރީލް މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ ނިސްބަތް، މިދިޔަ ދެ އަހަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ. 

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން މިދިޔަ ބުދަ ދުވަހު އާއްމުކުރި ތަފާސްހިސާބުން އެނގޭގޮތުގައި މިދިޔަ އޭޕްރީލް މަހު ޖުމްލަ 198،322 ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރަތްކޮށްފައެވެ. އޭގެ ކުރީ ދެ އަހަރަށް ބަލާއިރު، 2024 ވަނަ އަހަރުގެ އޭޕްރީލް މަހު ރާއްޖެ ޒިޔާރަތްކުރީ 168،366 ފަތުރުވެރިންނެވެ. އޭގެކުރިން 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ރާއްޖެ ޒިޔާރަތްކުރީ 164،357 ފަތުރުވެރިންނެވެ. 

ތަފާސްހިސާބުތަކަށް ބަލާއިރު 2023 އަދި 2024 ވަނަ އަހަރު އަޅާކިޔާއިރު، މިއަހަރުގެ އޭޕްރީލް މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަތު ވަނީ 17.8 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހަށްވުރެ މިއަހަރުގެ އޭޕްރީލް މަހު 29،956 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މެއި 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަޔްކޮށްފައިވަނީ 923،390 ފަތުރުވެރިންނެވެ. 

މިއަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމުތައް 

  • ޗައިނާ - 107،544
  • ރަޝިއާ - 99،681
  • އިނގިރޭސި ވިލާތް - 94،671
  • އިޓަލީ - 80،423
  • ޖަރުމަނު - 71،005

މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 71.2 އިންސައްތަ ފަތުރުވެރިން ގޮސްފައިވަނީ ރިސޯޓުތަކަށެވެ. ގެސްޓްހައުސްތަކަށް ޒިޔާރަތްކުރީ 23.3 އިންސައްތަ ފަތުރުވެރިންނެވެ. ރާއްޖޭގެ ހޮޓެލްތަކަށް ޒިޔާރަތްކޮށްފައިވާ ފަތުުރުވެރިންގެ ނިސްބަތަކީ 2.9 އިންސައްތައެވެ. 

މިއަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ޖަނަވަރީ އަދި ފެބްރުވަރީ މަހެވެ. އެގޮތުން ޖަނަވަރީ މަހު 214،863 ފަތުރުވެރިން ޒިޔާރަތް ކުރިއިރު ފެބްރުވަރީ މަހު ވަނީ 214،091 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. 

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މިދިޔަ އަހަރު ވަނީ ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުވެސް އެ އަދަދު ހަމަކޮށް ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ. 

ކިޔުންތެރިންގެ ހިޔާލު