ENGLISH
04 ޖުލައި 2025
ށ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި
24 މޭ 2025
|
ށ. އަތޮޅު ފީވަކުގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ސިޓީސް މިނިސްޓްރީ
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ށ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ޚިދުމަތް ދޭން ފަށައިފި އެވެ.
އިއްޔެ އާއި މިއަދު ވަނީ ށ. އަތޮޅުގެ އަށް ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ތަޢާރަފްކޮށްފަ އެވެ. އެއީ ފޯކައިދޫ، ފީވައް، ޅައިމަގު، ބިލެތްފަހި، ގޮއިދޫ، ކަނޑިތީމު، ފޭދޫ އަދި ނޫމަރާ އެވެ.
ށ. ފީވަކުގައި އޭޓީމްގެ ޚިދުމަތް ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ އަމިއްލަ ވަޒަނުގައި ތިބެގެން އޭޓީއެމްގެ ޚިދުމަތް ދިވެހިންނަށް ލިބުމަކީ ރައީސްގެ ޚާއްޞަ އިސްނެންގެވުމެއް ކަމަށެވެ. އަދި ވަޒީރު ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށް ބީއެމްއެލްގެ ވެރިން ދެއްވަމުން ގެންދަވާ އެއްބާރުލުން ފާހަގަކުރައްވާ، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ މިއީ އަސީސީ ބޭންކިންގެ ޚިދުމަތް ރާއްޖޭގެ ރަށްތަކަށް ފޯރުކޮށްދިނުމަށް ހިންގާ މުހިންމު މަޝްރޫއެއް ކަން ފާހަގަ ކުރައްވައި މި އަހަރުގެ މިހާތަނަށް ރާއްޖޭގެ 37 ރަށުގައި އޭޓީއެމްގެ ޚިދުމަތް ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ށ. އަތޮޅާ އެކު ރާއްޖޭގެ ފަސް އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ޚިދުމަތް ދޭން މިހާރު ވަނީ ފަށައިފަ އެވެ. އެއީ ހއ. އަތޮޅު، ދ. އަތޮޅު، ށ، އަތޮޅު، މ. އަތޮޅު އަދި ކ. އަތޮޅެވެ.
މި އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއީ ރައްޔިތުންނާ ވީހާވެސް ގާތުން ބޭންކިންގެ ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެންނެވެ.