ENGLISH
04 ޖުލައި 2025
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު ރައީސް ހުޅުއްވައިދެއްވައިފި
23 މޭ 2025
|
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު ހުޅުވުމުގެ ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ހުޅުއްވައި ދެއްވައިފި އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ އޮތް ރަސްމިއްޔާތެއްގައި، ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު ރައީސް ހުޅުއްވައިދެއްވުމާއެކު ހަވާ އެރުވުމުގެ ޚާއްސަ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ރައީސް ވަނީ މައުރަޒުގެ ހުރިހާ ސްޓޯލަކަށް ޒިޔާރަތް ކުރައްވާ މައުރަޒުގައި ހުރި ތަކެތި ބައްލަވާލައްވާފަ އެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވެ އެވެ. އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުންނެވެ.
މިގޮތުން އެންމެ ގިނައިން ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. މި މަޢުރަޒުގައި ހދ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ގިނަ ރަށްތަކަކުން ބައިވެރިވެފައި ވެއެވެ. މަޢުރަޒުގައި އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ މާލެ އާއި ބ. ތުޅާދޫ އިންނެވެ. މަޢުރަޒުގައި 3،600 އަށް ވުރެ ގިނަ ތަކެތި ބައިވެރި ކުރުމަށް އެޕްލިކޭޝަން ފޯމް ފުރާފައިވާ ކަމަށް މި މަޢުރަޒު، އިންތިޒާމްކޮށް ކުރިއަށް ގެންދަވާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އިން ވަނީ ހާމަކޮށްފަ އެވެ.
މައުރަޒު މިރޭ 11:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ. އަދި މާދަމާ އިން ފެށިގެން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.
މިއީ މިދިޔަ 80 އަހަރުގެ ތެރޭގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ މައުރަޒެވެ. ރޭ އޮތް ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ އިނާމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވަނީ މި އަހަރުގެ މައުރަޒު ތަފާތުވާ ސަބަބުތައް ވިދާޅުވެ ދެއްވާފަ އެވެ.
އެގޮތުން މި އަހަރުގެ މައުރަޒުގައި ވަނީ ފުރަތަމަ ފަހަރަށް ކްރިއޭޓިވް އިކޮނޮމީއަށް ޚާއްސަ ކުރެވިފައިވާ ސަރަޙައްދެއް ގާއިމު ކޮށްފަ އެވެ.
މި އަހަރުގެ މައުރަޒު ޚާއްސަވާ އަނެއް ސަބަބަކީ މި އަހަރުގެ މައުރަޒުގައި ފުރަތަމަ ފަހަރަށް ޑިޖިޓަލް ޑިސްޓްރިކްޓެއް ހިމެނިފައިވުމެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ދިވެހީންގެ ވަރަށް އާދަޔާ ހިލާފު ފަންނުވެރިކަން އެ ތަނުން ފެންނަން ހުންނާނެ އެވެ.
އަދި މި އަހަރުގެ މައުޒަރު ގައި ވަނީ މާކެޓް ސްޕޭސްގެ ނަމުގައި ދިވެހީންގެ އުފެއްދުންތައް ވިއްކޭނެ ޖާގަ ތަނަވަސް ކޮށްދީފަ އެވެ.
ސޯޝަލް ސެންޓަރުގައި ރޭ އޮތް، ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ އިނާމުގެ ރަސްމިއްޔާތުގައި ވަނީ މައުރަޒުން އެކި ވަނަވަނައަށް އައި 275 ފަރާތަކަށް ވަނީ އިނާމު ދީފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އެންމެ ޝަރަފުވެރި ވަނަވަނަ ހޯއްދެވި ފަރާތްތަކަށް އިނާމާއި ޓްރޮފީ ހަވާލު ކުރައްވާފަ އެވެ.
* އަމިއްލަ ފަރުދުންގެ ބައިން އެއްވަނަ - ލުޖައިން އަޙްމަދު ވަހީދު
* ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން އެއްވަނަ - ގއ. ވިލިނގިލި
* ވިޔަފާރިތަކުގެ ދާއިރާ އިން އެއްވަނަ - ސިޑީސް ކިޗަން ޕްރައިވެޓް ލިމިޓެޑް
* ތަޢުލީމުދޭ މަޒުކަޒުތަކުގެ ދާއިރާއިން އެއްވަނަ - މޯލްޑިވްސް ޕޮލިޓެކްނިކް
* ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން އެއްވަނަ - ފާތުމަތު ޝަފަޤް، ރެޑިއަމުގެ، ތ. ވިލުފުށި
* ޖަމުއިއްޔާ ޖަމާޢަތްތަކުގެ ދާއިރާއިން އެއް ވަނަ - ވިމެން އޮންޓަރޕްރަނިއަރސް އެސޯސިއޭޝަން މޯލްޑިވްސް
* މުޅި މައުރަޒުން އެއް ވަނަ ސިޓީ/ރަށް - އައްޑޫ ސިޓީ ހިތަދޫ
* ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ދާއިރާއިން އެއް ވަނަ - ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
މީގެ އިތުރުން މުޅި މަރުކަޒުން ރަން ވަނައަށް އައި ފަރާތްތަކަށް ވެސް އިނާމު ހަވާލުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. ރަން ވަނަ ހޮވާފައި ވަނީ މުޅި މައުރަޒުން އެންމެ މަތިން މަރކްސް ލިބުނު ފަސް އުފެއްދުމެވެ.
* ލުޖައިން ޢަލީ ވަޙީދު، ހ. ހުޅުދުއްފާރު އާގެ، މާލެ
* އަބުޑީ މޯލްޑިވްސް
* މޯލްޑިވްސް ޕޮލިޓެކްނިކް
* މުޙައްމަދު މޫސާ، ގަރާޑީގެ، ރ. އިނގުރައިދޫ
* އަލީ މާހިރު
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު"ގެ ނަމުގައި މައުރަޒެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު މެއި 20، 2024 ގަ އެވެ. މިއީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރި އާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ މައުރަޒެކެވެ.