ENGLISH

04 ޖުލައި 2025

Advertisement

ރައުދުގެ ބަންދަށް ފަސް ދުވަސް ޖަހައިފި

23 މޭ 2025

|

އަޙުމަދު ޙަމީދު

ރައުދު އަޙްމަދު ޛިލާލް

އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރުކޮށް ފަހުން ދޫކޮށްލި ރައުދު އަޙްމަދު ޛިލާލް, އަލުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފި އެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ހައްޔަރު ކޮށް ފުލުހުންގެ ބަންދުގައި ހުރި ރައުދު ދޫކޮށްލީ އިއްޔެ ހެނދުނު އެވެ. އޭނާ ދޫކޮށްލި ސަބަބު ހާމަކޮށް ފުލުހުން ބުނީ ރައުދު ބަންދުން ދޫކޮށްލީ ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކެއް ހުރުމުން ކަމަށެވެ. އަދި އައު ކޯޓު އަމުރެއްގެ ދަށުން އަލުން އޭނާ އިއްޔެ ވަނީ ހައްޔަރުކޮށްފައި ކަމަށް ބުންޏެވެ.

ފުލުހުން މިރޭ ބުނީ ރައުދުގެ ބަންދަށް މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އެކާވީސް އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދު ހައްޔަރުކޮށް ދެތީން ފަހަރެއްގެ މަތީން ބަންދަށް މުއްދަތު ޖެހި އެވެ. އެންމެ ފަހުން މުއްދަތު ޖެހީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ 20 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފަ އެވެ.

އަންހެން މީހާ ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދު ހިމެނޭހެން ގިނަ ބައެއްގެ ފޯނު ވަނީ ހިފަހައްޓާފަ އެވެ. އަދި ފުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު