ENGLISH
05 ޖުލައި 2025
ބ. ކެންދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި
23 މޭ 2025
|
ބ. ކެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ނިންމާ، ކޮމިޝަން ކޮށްފިއެވެ.
މި މަސައްކަތް ނިންމާ، ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސަފައި ވަނީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއާއި، ފެނަކަ އާއި އެމްޑަބްލިޔުއެސްސީގެ ބޭފުޅުން އެރަށަށް ވަޑައިގެންނެވެ.
ކެންދޫގައި ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ވަނީ އެރަށުގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ގާއިމުކޮށް، ފެނުގެ މައި ނެޓްވޯރކް އަޅާ، ގޭގެޔަށް ފެން ލިބޭނެ ނިޒާމު ގާއިމުކޮށްފައެވެ. އަދި ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓާ، ބޯހޯލް ތޮރުފުމުގެ އިތުރުން ރިޖެކްޓް ލައިންވެސް އަޅާފައި ވެއެވެ. މީގެ އިތުރުން ފެން ރައްކާކުރާނެ ތާނގީ ބެހެއްޓުމުގެ މަސައްކަތްވެސް ކޮށްފައި ވެއެވެ.
ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގައި ވަނީ ނަރުދަމާގެ މައި ނެޓްވޯކާއި ޕަމްޕިންގ ލައިން އަޅާ، ޕަންޕިންގ ސްޓޭޝަން ގާއިމުކުރުމުގެ އިތުރުން ސީ އައުޓް ފޯލް އަޅާފައެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓާ ނަރުދަމާގެ ކަނެކްޝަން ގުޅާދީފައި ވެއެވެ. މީގެ އިތުރަށް، ފެން ތަހުލީލު ކުރަން ބޭނުންވާ ސަމާނުގެ އިތުރުން ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދޭން ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން އެމްޑަބްލިޔުއެސްސީއާއި ހަވާލުކޮށް، 56.26 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ސަބަބުން ކެންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.