ENGLISH

05 ޖުލައި 2025

Advertisement

ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ޙައްޖު މަސް: ހުކުރު ޚުޠުބާ

23 މޭ 2025

|

އިސްމާއީލް ރާތިއު

އިސްލާމީ މަރުކަޒު. -- ފޮޓޯ: އެމްއެމްޓީވީ

ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މައްސަރުތަކަކީ ޙުރުމަތްތެރި ވެގެންވާ މައްސަރުތައް (ރަޖަބު، ޛުލް ޤާޢިދާ، ޛުލް ޙިއްޖާ، މުޙައްރަމް) ކަމަށާއި، އޭގެ ތެރެއިންވެސް އެކަލާނގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ޙައްޖު މަސް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފައި ވަނީ، ޙައްޖު މަހުގެ ދުވަސްތަކުގެ ތެރެއިންވެސް އެންމެ މަތިވެރި ދުވަސްތަކަކީ އެމަހުގެ ފުރަތަމަ 10 ދުވަސް ކަމަށެވެ. މިކަމުގެ ދަލީލެއްގެ ގޮތުން ފަޖުރު ސޫރަތުގެ ފުރަތަމަ ދެ އާޔަތް ގެނެސް، ދެވަނަ އާޔަތުގައިވާ 10 ރެޔަކީ ޙައްޖު މަހުގެ ފުރަތަމަ 10 ރޭ ކަމަށް ޢިލްމުވެރިން ވިދާޅުވާ ކަމަށް، ޚުޠުބާގައި ވެއެވެ. މި ދެ އާޔަތުގައި ﷲ ތަޢާލާ ވަނީ މުސްލިމުންނަށްޓަކައި ލައްވާފައިވާ ހެޔޮކަމުގެ މޫސުމެއްގެ މަތިން ހަނދާންކޮށްދެއްވާފައި ކަމަށާއި، އެކަލާނގެ ޙަޟްރަތަށް އެނބުރި އައުމަށް ގޮވާލައްވާފައިވާކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ކީރިތި މާތް ނަބިއްޔާ، މުޙައްމަދު صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅަކަށް ޙަވާލާދީ ޚުޠުބާގައި ވަނީ ޙައްޖު މަހަކީ ﷲ ތަޢާލާ މި ބިންމަތީ ލެއްވި އެންމެ މަތިވެރި ދިހަ ދުވަސް ކަމަށް ބުނެފައެވެ. ﷲ ތަޢާލާގެ މަގުގައި ޖިހާދުކޮށް ޝަހީދުވުން ފިޔަވާ، ޞާލިޙު ޢަމަލުތައް ކުރުމަށް އެކަލާނގެ ޙަޟްރަތުގައި މި 10 ދުވަހަށްވުރެ ހެޔޮކަން ބޮޑު ދުވަސް ކަމަށް މި ޙަދީޘްފުޅުގައި ވެއެވެ.

ޚުޠުބާގައި ވަނީ މި 10 ދުވަހު ކުރެވޭނެ ހެޔޮ ޢަމަލުތަކުގެ ތެރެއިންވެސް ރޯދަހިފުން ވަކިން ޚާއްޞަކޮށް ފާހަގަކޮށްފަ އެވެ. އެގޮތުން، ނަބިއްޔާ صلى الله عليه وسلم، ޙައްޖު މަހުގެ ނުވަ ވަނަ ދުވަހުއާއި ޢާޝޫރާ ދުވަހުއާއި ކޮންމެ މަހަކު ތިން ދުވަހު ރޯދަ ހިއްޕެވި ކަމަށް އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ އަރިހުން އައިސްފައިވާ ރިވާޔަތެއް، ޚުޠުބާގައި ގެނެސްފައި ވެއެވެ. އަދި އެއާ ވިދިގެން، ޙައްޖުވެރިން ނޫން މީހުން ޢަރަފާތު ދުވަހު ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރާއި ކުރިއަށް އަންނަން އޮތް އަހަރުގެ ކުދި ފާފަތަކުގެ ކައްފާރާއެއް ކަމަށް އައިސްފައިވާ ޙަދީޘްފުޅެއް، ގެނެސްފައި ވެއެވެ.

މުސްލިމުންނަކީ އެއުރެންގެ ޢަމަލުތަކާއި ވަގުތުތަކުގައި މާތް ﷲ ގެ ބަރަކާތާއި، ފާފަ ފުއްސެވުމާއި އެކަލާނގެ ރުއްސެވުމުގެ ތެރޭގައި އުޅެންޖެހޭ ބައެއް ކަމަށާއި، އެގޮތުން ޢަމަލުތަކުގެ ތެރެއިން އެންމެ ބަރަކާތްތެރި ޢަމަލަކީ އެކަލާނގެއަށް ކިޔަމަންގަތުމުގެ ގޮތުން ކުރެވޭ ޢަމަލެއް ކަމަށް ޚުޠުބާގައިވެއެވެ. އަދި މުސްލިމް އަޅާ ކުރާ ކޮންމެ ހެޔޮ ކަމަކަށް 10 ދަރުމަ ދެއްވާނެކަން ކީރިތި ޤުރްއާނުގެ އާޔަތަކާއި ޤުދުސީ ޙަދީޘެއްގެ އަލީގައި ބަޔާންކޮށްފައި ވެއެވެ.

ޙައްޖު މަހުގެ ފުރަތަމަ 10 ދުވަސް މިހާ ބަރަކާތްތެރި ވެގެންދާ ސަބަބެއްގެ ގޮތުން، މި ދުވަސްތަކުގެ ތެރޭގައި މަތިވެރި ވެގެންވާ އިސްލާމް ދީން ފުރިހަމަ ކޮށްދެއްވިކަން ޚުޠުބާގައި ބަޔާންކޮށްފައި ވެއެވެ. މި ދީން ފުރިހަމަ ވުމުގެ ސަބަބުން މި ދީނުގެ އަހުލުވެރިންނަށް ފުރިހަމަކަން ލިބޭ ކަމަށާއި އެމީހުން ކުރާ ޢަމަލުތަކަށް ފުރިހަމައަށް ޘަވާބުލިބުން ވާކަމަށް ޚުޠުބާގައި ވެއެވެ. އަދި އެމީހުންގެ ޙަޔާތަކީ އަމާންކަމާއި ރައްކާތެރިކަން ލިބިފައިވާ ހެޔޮލަފާ ޙަޔާތަކަށް ވާކަމަށާއި އެމީހުންގެ އަޚުލާޤާއި ސުލޫކު ރިވެތިވެގެންދާ ކަމަށްވެސް ޚުޠުބާގައި ވެއެވެ.

ކީރިތި ޤުރްއާނުގެ އާޔަތެއްގެ އަލީގައި، ޚުޠުބާގައި ބުނެފައިވަނީ ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަމުގެ ތެރޭގައި، ﷲ ތަޢާލާގެ ނިޢުމަތް އެ ދުވަސްތަކުގެ ތެރޭގައި އަހަރުމެންގެ މައްޗަށް ފުރިހަމަ ކޮށްދެއްވުން ވާކަމަށެވެ. އަދި އިސްލާމް ދީނަކީ އެހެން ދީންތަކުގެ މައްޗަށް ފާޅުކުރައްވާފައިވާ ދީނެއް ކަމަށްވެސް ޚުޠުބާގައި ވެއެވެ.

ޚުޠުބާގައި އެންމެ ފަހު ކަމަކަށް ވަނީ ޛިކުރު ކުރުމުގެ މަތިވެރިކަން ބަޔާންކޮށްފަ އެވެ. އެގޮތުން، ޛިކުރު ކުރުމަކީ މުއުމިނު އަޅާގެ އަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރު ކަމަށާއި، އެއީ އެކަމުގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައިވެސް ނަޖާވުން އެކުލެވިގެންވާ ކަމެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އެކަމަކީ، އެކަމުގެ ސަބަބުން ޝައިޠާނާގެ މަޅީގައި ޖެހުމުންނާއި، ނަރަކައިގެ ގިނިހިލަތަކުން މީހާ ސަލާމަތް ކުރާނެ ކަމެއް ކަމަށްވެސް ޚުޠުބާގައި ވެއެވެ. އަދި ޛިކުރު ކުރާ މީހާއަށް މަލާއިކަތުންގެ ހެޔޮ ދުޢާ ލިބިގެންދާނެ ކަމަށްވެސް ޚުޠުބާގައި ބުނެފައި ވެއެވެ.

މާތް ﷲ އަޅަމެންނަށް ދެއްވާފައިވާ މިފަދަ މަތިވެރި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާ ބަޔަކަށް ވުމަށާއި މިފަދަ ދުވަސްތަކުގައި ޞާލިޙު ޢަމަލުތައް ގިނަކޮށް، މާތް ﷲ ގެ ޙަޟްރަތުގައި މަތީ ދަރަޖަ ހޯދުމަށް ވާދަކުރުމަށް ޚުޠުބާގައި ވަޞިއްޔަތްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު