ENGLISH
05 ޖުލައި 2025
މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާޙު ކުރުމުގެ ޖަލްސާއަށް ކޮމިޓީގެ ޗެއާމަން ވަޑައިގަންނަވަނީ، އިފްތިތާޙު ކޮށްދެއްވާނީ ރައީސްގެ ދެކަނބަލުން
23 މޭ 2025
|
މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާޙު ކުރުމުގެ ތައްޔާރީތައް މިނިސްޓަރު ޝަހީމް ބައްލަވާ ލައްވަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓް އިނިޝިއޭޓްވި އިފްތިތާޙުކުރުމުގެ ތާރީޚީ ޖަލްސާއަށް މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވީ ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓް އިނިޝިއޭޓްވި އިފްތިތާޙުކުރުމުގެ ޖަލްސާއަށް ސައޫދީ އަރަބިއްޔާއިން ވަޑައިގަންނަވާ ވަފުދުތައް މިއަދު އަންނަން ފަށާނެ ކަމަށެވެ.
ސައޫދީގެ ހައްޖު މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީއާ އިމިގްރޭޝަންގެ މަތީފެންވަރުގެ 42 ބޭފުޅަކު މި ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ވަފުދުގެ އިސްކޮށް ވަޑައިގަންވަނީ މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ އެވެ. އެމަނިކުފާނަކީ ވަޒީރު ފެންވަރުގެ ބޭފުޅެކެވެ.
މި ތާރީޚީ ޖަލްސާ އޮންނާނީ މި މަހުގެ 26 ވާ ހޯމަ ދުވަހު އެވެ. މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާޙުކޮށް ދެއްވާނީ ރާއްޖޭގެ އިއްޒައްތެރި ރައީސުލްމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި ސައުދީ ރަސްގެފާނު ސަލްމާންގެ ޚާއްޞަ އިރުޝާދުގެ ދަށުން މައްކާ ރޫޓްގައި ރާއްޖެ ހިމެނުއްވީ މިކަމުގައި ޤައުމުތަކަށް ކަނޑައަޅާފައި އޮންނަ ހުރިހައި ޝަރުޠަކުން ރާއްޖެ އިސްތިސްތިސްނާކޮށް ޚާއްޞަ ކަން ދެވިގެންނެވެ.
މައްކާ ރޫޓްގައި ހައްޖުވެރިން ސައުދީ އިމިގްރޭޝަންގައި ޖިއްދާގައި އެއާޕޯޓްގައި އެރައިވަލްގައި ޕާސްޕޯޓް ސެޓޭމްޕް ޖެހުމަށާއި ލަގެޖް ނަގަން މަޑުކުރާކަން ނުޖެހޭނެ އެވެ. މަތިންދާ ބޯޓުން ފައިބާ ގޮތައް ހޮޓަލަށް ދެވޭނެ އެވެ. ލަގެޖް ވެސް ލިބޭނީ ހޮޓަލަށެވެ. އަދި ހައްޖުވެރިންނަށް ރަސްމީކޮށް ޖިއްދާ އެއާރޕޯޓްގައި އިސްތިޤުބާލު ކުރާނެ އެވެ.
މިއީ ޖިއްދާ އެއާޕޯޓްގައި އެތައް އިރަކު ތިބުން ނިމުމަކަށް ގެންނާނެ ތާރީޚީ ފަސޭހަ ކަމަކަށް ވާނެ ކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.