ENGLISH
05 ޖުލައި 2025
ފުލުހުންގެ މައި މަރުކަޒު ހުޅުމާލޭގައި އަޅަން އެޗްޑީސީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
22 މޭ 2025
|
ފުލުހުންގެ މައި މަރުކަޒު ހުޅުމާލޭގައި އަޅަން އެޗްޑީސީއާއެކު ސޮއިކުރުން. ފޮޓޯ: އެޗްޑީސީ
ދިވެހި ފުލުހުންގެ ޚިދުމަތާއި ޑާޓާ ސެންޓަރު ހުޅުމާލޭގައި އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.
ފުލުހުންގެ މައި މަރުކަޒުގެ ގޮތުގައި މިހާރު ބޭނުންކުރަނީ މާލޭގައި ހުންނަ ޝަހީދު ޙުސައިން އާދަމް ބިލްޑިންއެވެ. އެއީ 1999 ވަނަ އަހަރު ހުޅުވައި ބޭނުންކުރަންފެށި އިމާރާތެކެވެ. ކުރިން އެ އިމާރާތް ބޭނުންކުރީ ސިފައިންނާއި ފުލުހުންނެވެ. އެ އިމާރާތް ފުލުހުންނަށް ހާއްސަކުރީ ސިފައިންނާއި ފުލުހުން ވަކި ހިދުމަތަކަށް ބަދަލުވި ހިސާބުންނެވެ. ފުލުހުން ވަކި ޚިދުމަތެއްގެ ގޮތުގައި ހިންގަން ފެށީ 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހެވެ.
އިއްޔެ އެޗްޑީސީގައި އޮތް ރަސްމިއްޔާތުގައި، ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ މެނޭޖިން ޑިރެކްޓަރ މައުރޫފް ޖަމީލެވެ.
ފުލުހުންގެ މައި މަރުކަޒު ހުޅުމާލޭގައި އަޅަން ނިންމިއިރު، ސަރުކާރުން އަންނަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސަރުކާރުން ކުރަމުން އަންނަނީ، ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ފެށުމުގެ މަސައްކަތާއި، ޕޮލިސް ސްޓޭޝަންތައް ޤާއިމުކުރުމާއި، ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްޤީކުރުމުގެ މަސައްކަތްތަކެވެ.
ސަރުކާރުން ފުލުހުންގެ އިމާރާތްތައް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ ކުންފުނިތަކާއެވެ. އެގޮތުން ހުޅުމާލޭގައި އަޅާ ފުލުހުންގެ މައި މަރުކަޒުގެ އިތުރުން ރާއްޖޭގެ 83 ރަށެއްގައި ފުލުހުންގެ އިމާރާތްތައް ތަރައްޤީކުރަން މިހާރު ވަނީ ކުންފުނިތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގައި މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރައްވާނެ ކަމަށެވެ.