ENGLISH
05 ޖުލައި 2025
ދައުލަތުން ފައިސާތަކެއް ހޯދުމަށް ސައްޙަ ނޫން ލިޔެކިޔުންތަކެއް ހުށަހެޅި މައްސަލައެއް ފުލުހަށް ހުށައަޅައިފި
22 މޭ 2025
|
ބަންޑާރަ ނާއިބު އަޙްމަދު އުޝާމް
ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ދައުލަތުގެ އިދާރާތަކަށް ފޯރުކޮށްދީފައިވާ ކަމަށް ބުނާ ޚިދުމަތްތަކަށް ފައިސާ ހޯދުމަށް އެދި ދިވެހި ދައުލަތުގެ މައްޗަށް ރައްދުވާ ގޮތަށް ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލާފައިވާ މައްސަލަތަކުގެ ތެރެއިން މައްސަލައެއްގައި އެ ކުންފުނިން ސިވިލް ކޯޓަށް ޞައްޙަ ނޫން ލިޔެކިޔުންތަކެއް ހުށަހަޅާފައިވާ ކަމަށް ޤަބޫލުކުރެވޭތީ، އެ މައްސަލަ ތަޙްޤީޤު ކޮށް ދިނުމަށް އެދި ބަންޑާރަ ނާއިބުގެ އޮފީހުން ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިއްޖެ އެވެ.
ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު ފޯރުކޮށްދީފައިވާ ކަމަށް ބުނާ ޚިދުމަތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ދިވެހި ދައުލަތަށް ރައްދުވާ ގޮތަށް ތިން މައްސަލައެއް މިހާތަނަށް ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ. އެއީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ސަޕްލައިކޮށްދީފައިވާ ކަމަށް ބުނާ ކަޅުހަންތަކަކާ ގުޅޭ މައްސަލަ އަކާއި ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއަށް ސަޕްލައިކުރި ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްތަކަކާ ގުޅޭ ދެ މައްސަލައެކެވެ.
އެގޮތުން، ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ދިވެހި ދައުލަތުގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަތަކުގައި، ދައުލަތާއި އެކުންފުންޏާ ދެމެދު ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނާ މުޢާމަލާތްތައް ހިނގާފައިވާކަން ސާބިތުކުރުމަށް އެ ކުންފުނިން ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކާމެދު ސުވާލު އުފެދޭތީ، ދައުލަތުން އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ކަމަށް ކަނޑައަޅުއްވައިދެއްވުމަށް މި މައްސަލަތަކުގައި ދައުލަތުން ހުށަހެޅި ޖަވާބުތަކުގައި އެދިފައިވެ އެވެ. އަދި މި މުޢާމަލާތްތަކާ ގުޅޭ މައްސަލަތަކާ ގުޅިގެން ސިވިލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ނިންމެވުންތައް ދައުލަތުން ވަނީ އިސްތިއުނާފުކޮށްފައެވެ.
މީގެ އިތުރުން މި މައްސަލަތަކާ ގުޅިގެން ދައުލަތުގެ ހުރި ކަންބޮޑުވުންތައް އޮޑިޓަރ ޖެނެރަލްގެ އޮފީހާ ޙިއްޞާކޮށް، ކުރެވުނު މަޝްވަރާތަކުގައި މި މައްސަލަތަކާ ގުޅޭ ޚާއްޞަ އޮޑިޓެއް ތައްޔާރުކޮށްދެއްވުމަށް އެ އޮފީހުން އެދުމުން، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދަވާ ޚާއްޞަ އޮޑިޓްގައި އެ އޮފީހަށް މިހާތަނަށް ފާހަގަކުރެވިފައިވާ ކަންކަން ހިމެނޭ ޕްރިލިމިނަރީ ރިޕޯޓެއް ޙިއްޞާކުރައްވާފައިވާ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުނެ އެވެ.
އެގޮތުން، ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ޞައްޙަ ނޫން އިންވޮއިސްއެއް ހުށަހަޅާފައިވާ ކަމާއި، ދިވެހިރާއްޖެ އެތެރެކޮށްފައިނުވާ ބައެއް މެޑިކަލް އިކުއިޕްމަންޓްތައް ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއަށް ސަޕްލައިކޮށްދީފައިވާ ކަމަށް އެ ކުންފުނިން ހުށަހަޅާފައިވާ ޑެލިވަރީ ނޯޓުތަކާއި އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާކަން އެ އޮޑިޓުން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށާ މި މައްސަލަތަކާ ގުޅިގެން ޖިނާއީ ތަޙުޤީޤެއް ކަމާގުޅުންހުރި އިދާރާތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ފެނިވަޑައިގަންނަވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލަފާދެއްވާފައިވާ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުންޏެވެ.
އެހެންކަމުން، މި މައްސަލަތަކާ ގުޅިގެން ޖިނާއީ ތަޙުޤީޤެއްކުރުން މުހިއްމު ކަމަށް އެ އޮފީހަށް ވެސް ފެންނާތީ، ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި މި މައްސަލަ ތަޙުޤީޤުކޮށްދެއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިފައިވާ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ބުނެފަ އެވެ.