ENGLISH
06 ޖުލައި 2025
އަނެއްކާވެސް ރައުދު ހައްޔަރުކޮށްފި
22 މޭ 2025
|
ރައުދު އަހުމަދު - ފޮޓޯ: ޕޮލިސް
އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ބަންދުން ދޫކޮށްލުމަށް ފަހު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
އޭނާގެ ބަންދަށް އެންމެ ފަހުން ޖެހި 20 ދުވަސް ހަމަނުވަނީސް ރައުދު މިއަދު ހެނދުނު ބަންދުން ދޫކޮށްލާފައި ވާއިރު އޭނާ ދޫކޮށްލި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ރައުދު ބަންދުން ދޫކޮށްލިކަން ހާމަވީ އޭނާގެ ބަންދާއި ގުޅިގެން ދަށު ކޯޓުން ނިންމާފައިވާ ނިންމުން ބާތިލުކުރުމަށް އެދި ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޯޓުން ނިންމި ނިންމުމަކުންނެވެ.
އެ ކޯޓުން މިއަދު ވަނީ އެ މައްސަލަ ބާތިލުކޮށްފައިވާކަން ހާމަކޮށްފައެވެ. މައްސަލަ ބާތިލު ކުރީ އެ މައްސަލަ ބާތިލުކޮށްދޭން ރައުދުގެ ފަރާތުން އެދުމުންނެވެ. އެއީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ފުލުހުންގެ ބަންދުން ރައުދު ދޫކޮށްލުމުން ކަމަށް އެ ނިންމުމުގައިވެއެވެ.
އެކާވީސް އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދު ހައްޔަރުކޮށް ދެތީން ފަހަރެއްގެ މަތީން ބަންދަށް މުއްދަތު ޖެހިއެވެ. އެންމެ ފަހުން މުއްދަތު ޖެހީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ 20 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ. އެ މުއްދަތު ހަމަވާން އެތައް ދުވަހެއް އޮއްވާ ފުލުހުންގެ ބަންދުން ރައުދު ދޫކޮށްލީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ.
އަންހެން މީހާ ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދު ހިމެނޭހެން ގިނަ ބައެއްގެ ފޯނު ވަނީ ހިފަހައްޓާފައެވެ. އަދި ފުރުން ވެސް ވަނީ މަނާކޮށްފައެވެ.
ރައުދު އަނެއްކާވެސް ހައްޔަރު ކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.