ENGLISH

06 ޖުލައި 2025

Advertisement

ރައުދު ބަންދުން ދޫކޮށްލައިފި

22 މޭ 2025

|

އަޙުމަދު ޙަމީދު

ރައުދު އަހްމަދު: މިއަދު ވަނީ ބަންދުން ދޫކޮށްލާފައި

އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

އޭނާ, ފުލުހުންގެ ބަންދުން ދޫކޮށްލި ސަބަބެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ރައުދު ބަންދުން ދޫކޮށްލިކަން ހާމަވީ އޭނާގެ ބަންދާއި ގުޅިގެން ދަށު ކޯޓުން ނިންމާފައިވާ ނިންމުން ބާތިލުކުރުމަށް އެދި ހައިކޯޓަށް ހުށައަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޯޓުން ނިންމި ނިންމުމަކުންނެވެ.

އެ ކޯޓުން މިއަދު ވަނީ އެ މައްސަލަ ބާތިލުކޮށްފައިވާކަން ހާމަކޮށްފަ އެވެ. މައްސަލަ ބާތިލު ކުރީ އެ މައްސަލަ ބާތިލުކޮށްދޭން ރައުދުގެ ފަރާތުން އެދުމުންނެވެ. އެއީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ފުލުހުންގެ ބަންދުން ރައުދު ދޫކޮށްލުމުން ކަމަށް އެ ނިންމުމުގައި ވެ އެވެ.

އެކާވީސް އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދު ހައްޔަރުކޮށް ދެތީން ފަހަރެއްގެ މަތީން ބަންދަށް މުއްދަތު ޖެހި އެވެ. އެންމެ ފަހުން މުއްދަތު ޖެހީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ 20 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފަ އެވެ. އެ މުއްދަތު ހަމަވާން އެތައް ދުވަހެއް އޮއްވާ ފުލުހުންގެ ބަންދުން ރައުދު ދޫކޮށްލީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ.

އަންހެން މީހާ ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދު ހިމެނޭހެން ގިނަ ބައެއްގެ ފޯނު ވަނީ ހިފަހައްޓާފަ އެވެ. އަދި ފުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު