ENGLISH

06 ޖުލައި 2025

Advertisement

ސްކޭމްތަކުން ގެއްލުނު 380 ހާހަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފި

22 މޭ 2025

|

އަޙުމަދު ޙަމީދު

ދިވެހި ފުލުހުންގެ ޚިދުމަތް --

މިދިޔަ ހަފްތާގައި ހިނގި އެކި ބާވަތުގެ ސްކޭމްތަކުގައި ގެއްލުނު ފައިސާގެ ތެރެއިން 380 ހާހަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ބުނެފި އެވެ.

އެންޓި ސްކޭމް ސެންޓަރުން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު، 13 އިން 19 މެއި އާ ދެމެދު ޖުމްލަ 45 ސްކޭމް މައްސަލަ ރިޕޯޓު ކޮށްފައިވެ އެވެ. މި މައްސަލަތަކުގެ ސަބަބުން ޖުމްލަ 481,520.67 ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 383,610.08 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ބުނެފައިވެ އެވެ. އެއީ ފައިސާގެ 80 ޕަސެންޓެވެ.

ރިޕޯޓުކުރި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހިންގާފައިވަނީ އީ-ކޮމާސް ސްކޭމްތަކެވެ. މިފަދަ 26 މައްސަލަ ރިޕޯޓު ކޮށްފައިވެ އެވެ. މީގެ ތެރެއިން 20 މައްސަލައެއްގައި ބޭނުންކޮށްފައިވަނީ ފޭސްބުކް މާކެޓްޕްލޭސް އެވެ.

އެހެނިހެން ބާވަތްތަކުގެ ތެރޭގައި ބޭރު ފައިސާ މާރުކުރުމުގެ ސްކޭމް 10 މައްސަލަ އަކާއި ފޯނު މެދުވެރިކޮށް ހިންގި ސްކޭމްގެ 5 މައްސަލަ އަކާއި އިމްޕާރސަނޭޝަން އާއި ފިޝިންގ އަދި ރޮމޭންސް ސްކޭމްގެ އިތުރުން ފައިސާ ޖަމާކުރުމުގެ މައްސަލަތައް ހިމެނެ އެވެ.

ސްކޭމްކުރުމަށް ބޭނުންކޮށްފައިވާ އެހެނިހެން ޕްލެޓްފޯމްތަކުގެ ތެރޭގައި ވައިބަރ ބޭނުން ކޮށްގެން ހިންގާފައިވާ 9 މައްސަލަ އަކާއި ފޯނު ކޯލް ކޮށްގެން ހިންގި ސްކޭމްގެ 6 މައްސަލަ އަކާއި އައިބޭ އާއި މެސެންޖަރ އާއި ޓެލެގްރާމް އަދި އިންސްޓަގްރާމް މެދުވެރިކޮށް ހިންގާފައިވާ ސްކޭމްގެ މައްސަލަތަައް ވެސް ހިމެނެ އެވެ.

މި މައްސަލަތަކާ ގުޅިގެން އެންޓި ސްކޭމް ސެންޓަރުން ބުނީ، މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އާންމު ރައްޔިތުން އިތުރަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ހިތުގައި ޝައްކު އުފެދޭނަމަ، އެކަމެއް ޔަޤީން ކުރުމަށްފަހު ނޫނީ އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ސްކޭމްތަކުން ސަލާމަތް ވުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށާއިި މިފަދަ މައްސަލަތައް ވަގުތުން އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓު ކުރުމަށް ވެސް ވަނީ އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު