ENGLISH
06 ޖުލައި 2025
މ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކޮށް ޚިދުމަތް ފަށައިފި
22 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގެ ރަށްތަކުގައި އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމްކޮށް ރަސްމީކޮށް ހިދުމަތް ފަށައިފިއެވެ.
އިއްޔެ އާއި މިއަދު އޭޓީއެމްގެ ޚިދުމަތް ފަށާފައިވަނީ އެ އަތޮޅުގެ 7 ރަށެއްގައެވެ. އެ އަތޮޅުގެ ވެރިކަންކުރާ މުލީގައި ބީއެމްއެލްގެ ގޮތްޕަކާއެކު އޭޓީއެމްގެ ޚިދުމަތް ދެމުންގެންދާތާ އަހަރުތަކެއް ވަނީ ވެފައެވެ.
މ. އަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށުގެ ތެރެއިން 7 ރަށުގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރެވެ.
ވަޒީރު އާދަމް ޝަރީފާއެކު ރަށްތަކަށް ކުރި ޒިޔާރަތްތަކުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފްއާއި ބީއެމްއެލްގެ އިސްވެރިންގެ އިތުރުން ރަށްރަށުގެ ކައުންސިލްގެ މެމްބަރުން ބައިވެރިވެޑައިގަތެވެ.
މ. އަތޮޅުގައި އޭޓީއެމް ޚިދުމަތް ދޭން ފެށީ:
- މުލަކު
- ނާލާފުށި
- ކޮޅުފުށި
- ދިއްގަރު
- މަޑުއްވަރި
- ވޭވަށް
- ރަތްމަންދޫ
މިއިން ކޮންމެ ރަށެއްގައިވެސް ޤާއިމުކުރީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސަރވިސް އޭޓީއެމް ތަކެކެވެ.
ސަރުކާރުގެ އަމާޒަކީ ބީއެމްއެލްއާ ގުޅިގެން މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމެވެ. އެގޮތުން މިހާތަނަށް ވަނީ ހއ، ދ އަދި ނ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައިފައެވެ.
ރަށްރަށުގައި ޤާއިމުކުރާ އޭޓީއެމްތައް މެދުވެރިކޮށް ފައިސާގެ ގިނަ މުޢާމަލާތްތަކެއް ކުރަމުންދާކަމަށް އޭޕްރީލް މަހު ބީއެމްއެލް އިން ބުނެފައެވެ. އެގޮތުން އެ އިދާރާއިން އޭޕްރީލް 14 ވަނަ ދުވަހު އާއްމުކުރި ތަފާސްހިސާބުގައި ބުނީ ހއ. އާއި ދ އަތޮޅުގެ ހުރިހާ ރަށެއްގައި ބެހެއްޓި އޭޓީއެމްތަކުން 25 މިލިއަން ރުފިޔާ ޖަމާކުރި ކަމަށެވެ.