ENGLISH
06 ޖުލައި 2025
މި ޤައުމުގައި ހުރި ނިޢުމަތްތަކަށް ރައްކާތެރިވެވޭނީ ދިރޭތަކެތީގެ ނަސްލު ޙިމާޔަތްކޮށްގެން: ރައީސް
22 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ ޤުދުރަތީ ރީތިކަން ކަމަށާއި، އަގުހުރި ނިޢުމަތަށް ރައްކާތެރިވެވޭނީ ދިރޭ ތަކެތީގެ ނަސްލު ޙިމާޔަތްކޮށް، ދަމަހައްޓައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ދިރޭ ތަކެތީގެ ނަސްލުގެ ދުވަހާއި ގުޅުވައިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
""ޤުދުރަތީ ރީތިކަމަކީ، ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތް. މި އަގުހުރި ނިޢުމަތަށް ރައްކާތެރިވެވޭނީ، ދިރޭ ތަކެތީގެ ނަސްލު ޙިމާޔަތްކޮށް ދަމަހައްޓައިގެން."" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރާއްޖެއަކީ މުރަކައިގެ ނިޒާމް ބޮޑު ޤައުމެކެވެ. އެގޮތުން ދުނިޔޭގެ ނިސްބުން ހަތް ވަނައަށް އެންމެ ބޮޑު މުރަކައިގެ ނިޒާމު ނުވަތަ ކޮރަލް ރީފް ސިސްޓަމް އޮންނަނީ ރާއްޖޭގައެވެ. ރާއްޖޭގައި މުރަކައިގެ ނިޒާމް އެންމެ ބޮޑު ދެ އަތޮޅަކީ ހުވަދުއަތޮޅާއި ތިލަދުންމައްޗެވެ.
ދިރޭ ތަކެތީގެ ނަސްލު ޙިމާޔަތްކުރުމުގައި ރާއްޖެން އަންނަނީ ބައިނަލްއަޤްވާމީ ގޮތުން މަސައްކަތްތަކެއް ކުރަމުންނެވެ. ބައިނަލްއަޤްވާމީ މައިދާނުގައި އެ މަސައްކަތް ރާއްޖޭން ކުރަނީ 1992 ވަނަ އަހަރު ބައިވެރިވި ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރިސިޓީ މުޢާހަދާގެ ދަށުންނެވެ. އެ މުޢާހަދާއަކީ ދިރޭތަކެތީގެ ނަސްލު ޙިމާޔަތްކުރުމާއި، އޭގެ ބޭނުން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް މަސައްކަތްކުރާ މުޢާހަދާއެކެވެ.