ENGLISH
06 ޖުލައި 2025
އެއްއަހަރަށް އޮޅުހިޔާ ޝެލްޓަރ ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި
22 މޭ 2025
|
ދިރޭތަކެއްޗާބެހޭ މިނިސްޓްރީން ހުޅުމާލެ ފޭސް 2 ގައި ޤާއިމުކޮށްފައިވާ އެނިމަލް ކެއަރ ފެސިލިޓީ (އޮޅުހިޔާ) އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގާނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފިއެވެ.
މިދިޔަ އަންގާރަ ދުވަހު ގެޒެޓްކޮށްފައިވާ އިޢުލާނުގައި ވާގޮތުން، މިނިސްޓްރީއާ ގުޅިގެން އޮޅުހިޔާ ހިންގައި ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އެދިފައިވެއެވެ. މީގެއިތުރުން، އޮޅުހިޔާއަށް ވެޓެރިނަރީ އެސިސްޓެންޓެއް ހޯދުމަށްވެސް މިނިސްޓްރީން ވަނީ އިޢުލާންކޮށްފައެވެ.
ހުޅުމާލޭގައި އިމާރާތްކުރެވުނު އޮޅުހިޔާ ބޭނުންކުރަން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގައެވެ. މި ފެސިލިޓީ އިމާރާތްކުރީ މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް މާލެ ސިޓީ ކައުންސިލުންނެވެ. ނަމަވެސް، އެތަނަށް ބުޅާތައް ބަދަލުކުރުމުގެ ކުރިން، ކެބިނެޓުން ނިންމީ އެ ފެސިލިޓީ ދިރޭތަކެއްޗާބެހޭ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށެވެ.
މިކަމާ ގުޅިގެން ސިޓީ ކައުންސިލާއި މިނިސްޓްރީ ދެމެދު އުފެދުނު ދެބަސްވުންތަކަށްފަހު، މިހާރު އެތަން ވަނީ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަން ފަށާފައެވެ. މިނިސްޓްރީއާ ޙަވާލުވިފަހުން ވަނީ ފެސިލިޓީއަށް ބުޅާ ގެންދަން ފަށައި ބުޅާތައް ބަލަހައްޓަން ފަށައިފައެވެ.