ENGLISH

06 ޖުލައި 2025

Advertisement

ޖެނެރޭޝަނަލް ބޭންއަކީ ދުންފަތާ ދުރުވުމަށް ލިބުނު ރަނގަޅު ފުރުސަތެއް: ހެލްތު މިނިސްޓަރު

22 މޭ 2025

|

މުރުޝިދު އަބްދުލް ޙަކީމް

ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅާފައިވާ ބިލު ޤާނޫނަކަށް ވެގެން ދިއުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުހެލިވެގެން ދިއުމަށް ލިބިގެން ދިޔަ ރަނގަޅު ފުރުސަތެއް ކަަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.  

ދިވެހިރާއްޖޭގެ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިޞްލާޙް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްތީގު ކުރެއްވުމާ ގުޅިގެން ރާއްޖެއިން ބޭރުގައި ހުންނަވައި ފޮނުއްވެވި މެސެޖުގައި މިނިސްޓަރު ނާޡިމް ވަނީ ރައީސަށް ޝުކުރު އަދާކުރައްވާފަ އެވެ. މިނިސްޓަރު ފޮނުއްވި މެސެޖުގައި މި ޤާނޫނުގެ މުހިންމުކަން ވަނީ ފާހަަގަ ކުރެއްވެވި އެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މިއަދު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމަށާއި މި ބިލް ޤާނޫނަކަށް ވެގެން ދިއުމަކީ މި މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިޞްލާޙާއެކު އަންނާނެ ބައެއް ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:

1. މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، 1 ޖެނުއަރީ 2007 ން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާވާނެއެވެ. ނަތީޖާއަކަށްވާނީ މި ޖީލު ހެދި ބޮޑުވެ ހަރު މީހުންނަށް ވާއިރު، މުޅި މުޖުތަމަޢަކީ، ދުންފަތުގެ ނުރައްކަލުން ސަލާމަތްވެފައިވާ، އަދި ދުންފަތާ ދުރު މުޖުތަމަޢަކަށްވުމެވެ.

2. ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް، ރާއްޖެ އެތެރެކުރުމާ ގެންގުޅުން މަނާ ވާނެއެވެ.

3. ދުންފަތުގެ އެއްވެސް ބާވަތެއް އިޝްތިހާރުކުރުން، ސްޕޮންސަރކުރުން، ޕްރޮމޯޓްކުރުން ފަދަ އެއްވެސް ކަމެއް ކުރުން މުޅީން މަނާ ވާނެއެވެ.

4. މި ޤާނޫނާ ޚިލާފަށް، ގެންގުޅޭ ތަކެތި ހިފެހެއްޓުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިދިނުމާއެކު، އެ އަތުލައިގަނެވޭ، ދުންފަތާ، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް އަދި އެފަދަ ތަކެތި އުފައްދާ މެޝިނަރީ ފަދަ ހުރިހާ އެއްޗެއް ރައްޔިތުންނަށް ސީދާ ޔަގީންކަން އޮންނަ ގޮތުގައި އިތުބާރާއެކު ނައްތާލެވޭނެ ނިޒާމެއް ކަނޑައެޅިފައިވެއެވެ.

 މިނިސްޓަރު ނާޡިމް މި ވަގުތު ހުންނެވީ ދުނިޔޭގެ ޞިއްޙަތާ ބެހޭ އެންމެ ބޮޑު ބައްދަލުވުން ކަމަށްވާ 78 ވަނަ "ވޯލްޑް ހެލްތު އެސެމްބްލީ"ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު