ENGLISH

05 ޖުލައި 2025

Advertisement

ކަރެކްޝަނަލް ސަރވިސް އިން ޤައިދީންނަށް ޤުރުއާން އުނގަންނައިދިނުމުގެ ޕްރޮގްރާމެއް ފަށަނީ

22 މޭ 2025

|

ޢަލީ ޝަހީމް

ޖަލުތަކުގައި ތިބި ޤައިދީންނަށް ޤުރުއާން އުނގަންނައިދިނުމަށް ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ކަރެކްޝަންސް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޖަލުތަކުގައި ތިބި ޤައިދީންނަށް، ކީރިތި ޤުރުއާން އުނގަންނައިދިނުމާއި ގުޅޭގޮތުން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއެކު އިއްޔެ ފަހުުމުނާމާއެއްގައި ސޮއިކޮށްފިއެވެ. 

ރަސްމިއްޔާތު އޮތީ އިއްޔެ ސަލްމާން ރަސްގެފާނު މިސްކިތުގައެވެ. ދެ އަހަރު ދުވަހަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފަހުމުނާމާގައި ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. އަދި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް އަލްއުސްތާޛު ޢަބްދުﷲ ސަޢުދާންއެވެ.

ކަރެކްޝަނަލް ސަރވިސްއިން ބުނީ ޤައިދީންނަށް އެ ފުރުޞަތު ހުޅުވާލުމުގެ ބޭނުމަކީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، އެ އިދާރާގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް ތަޖުވީދުމަގުން ރީތިކޮށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަށްޓަކައި މަރުކަޒުގެ މުދައްރިސުން ހަމަޖެއްސުމާ ގުޅޭ އެންމެހާ ކަންތައްތައް މަގުފަހިކޮށްދިނުމެވެ. 

މި ފަހުމުނާމައިގެ ދަށުން، ކަނޑައެޅިފައިވާ އުޖޫރައަކަށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ޖަލުތަކުގައި ތިބި ފަރާތްތަކަށް ޤުރްއާން އަދި ހިފްޒް ކްލާސްތައް ނަގައިދިނުމަށް މުދައްރިސުން ހަމަޖައްސާނެއެވެ. އަދި ކުޑަކުދިން ބަންދުރާ މަރުކަޒުގައި ތިބި ކުޑަކުދިންގެ ތަޢުލީމީ ފެންވަރަށް ރިޢާޔަތްކޮށް ކްލާސްތައް ނަގައިދޭނެ މުޤައްރަރު ކަނޑައެޅުމާއި ދަރިވަރުންގެ ކުރިއެރުމާއި އިމްތިޙާނުކުރުމާއި ވަޒަން ކުރާނެ އުސޫލުތައް ހެދުމާއި އެ އުސޫލުތަކާ އެއްގޮތަށް ކްލާސްތައް ހިންގުން ހިމެނެއެވެ. 

ކަރެކްޝަނަލް ސަރވިސްއާއި ޤުރުއާނާބެހޭ މަރުކަޒާ ގުޅިގެން ބޭއްވި ފަހުމުނާމާގައި ސޮއިކުރުުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ކަރެކްޝަނަލް ސަރވިސް

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސަޢުދާން ވިދާޅުވީ ފަހުމުނާމައިގެ ސަބަބުން ޤުރުއާނާބެހޭ މަރުކަޒުން ދޭ ޚިދުމަތް އިތުރަށް ފުޅާވާނެ ކަމަށާއި، އަދި ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް ޤުރުއާން އުނގަންނައިދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އަދި، ކުރިއަށް އޮތް ތަނުގައި އެ މަރުކަޒުން ހިންގާ ހުރިހާ ކޯސްތަކާއި ހިފްޒް ކްލާސްތަކާއި އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދާނެކަމަށް އަލްއުސްތާޛް ޢަބްދުﷲ ސަޢުދާން ވިދާޅުވިއެވެ. 

ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ، ޖަލުތަކުގައި ގިނަ އަދަދެއްގެ ޒުވާނުން އެބަތިބި ކަމަށާއި، އޭގެތެރެއިން ބައެއް މީހުންނަށް ސްކޫލް ނިންމިއިރުވެސް ރަނގަޅަށް ޤުރުއާން ކިޔަވަން ނޭނގޭ ކަމަށެވެ. އަލަށް ފެށި ޕްރޮގްރާމްގެ ތެރެއިން ޤައިދީންނަށް ޤުރުއާނުގެ ޢިލްމު އުނގެނުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ޒަރީރު ވިދާޅުވިއެވެ.

ކޮމިޝަނަރ ޒަރީރު އިތުރަށް ވިދާޅުވީ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ހިންގާ ކޯސްތަކާއި ޕްރޮގްރާމްތަކުގައި ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން ޝައުގުވެރިވާ ފަރާތްތަކަށް ވެސް އެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު