ENGLISH
02 ޖޫން 2025
ކުޅިވަރުގެ ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅިވަރާ ގުޅުންހުރި އެންމެހާ ފަރާތްތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ: މެމްބަރު ލަތީފް
21 މޭ 2025
|
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމަބަރު ޢަބްދުލް ލަތީފް މުޙައްމަދު އެމްއެމްޓީވީ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި. --ފޮޓޯ:އެމްއެމް
ކުޅިވަރުގެ ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅިވަރުގެ އާބިޓްރޭޝަން ޤާއިމުކުރެވި އޭގެ ޒަރިއްޔާއިން ހުރިހާ ކުޅިވަރުތަކަށާއި، އެ ކުޅިވަރުތައް ކުޅޭ ފަރާތްތަކަށް ވެސް ފައިދާ ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު، ޢަބްދުލް ލަތީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ލަތީފު ވިދާޅުވީ، މީގެކުރީން ރާއްޖޭގެ އެކި ކުޅިވަރުތަކުގައި ކުރިމަތިވަމުން އައި މައްސަލަތަކުގައި ހައްލު ހޯދުމަށް އަވަށްޓެރި ޤައުމުތަކުގެ އެހީތެރިކަން ހޯދަންޖެހިފައިވާ ކަމަށެވެ.
އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅާއެކު ކުޅިވަރުގެ ޤާނޫނަށް މިގެނެވުނު އިސްލާހާއެކު އެމަނިކުފާނު އެ ބިލް ތަސްދީޤުކުރެއްވުމުން އޭގެ އެހީގައި ކުޅިވަރުގެ އާބިޓްރޭޝަން ޤާއިމުކުރެވިގެންގޮސް އެންމެ ކުރީއްސުރެ ދިމާވަމުންއައި ކިތަންމެ މައްސަލަތަކަކަށް އަމިއްލަ ޤައުމުގައި ތިބެގެން އަވަސް ހައްލެއް ހޯދިގެންދާނެ ކަމަށް ވެސް މެމްބަރު ލަތީފް ވިދާޅުވިއެވެ.
"ޤާނޫނަށް މިއައި ހެޔޮ ބަދަލާއެކު ދިވެހި ރައްޔިތުންނަށް، ދިވެހިންނަށް، ކުޅިވަރު ކުޅޭ ޒުވާނުންނަށް، ކުޅިވަރު ކުޅޭ ފަރާތްތަކަށް، ކުޅިވަރު ރާވާ ހިންގާ ފަރާތްތަކަށް، ކުޅިވަރަށް ސަޕޯޓްކުރާ ފަރާތްތަކަށް، ކުޅިވަރަށް ޚަރަދުކުރާ ފަރާތްތަކަށް، ކުޅިވަރުން އާމްދަނީ ހޯދާ ފަރާތްތަކަށް، މި ހުރިހާ ފަރާތްތަކަށާ އަދި ކުޅިވަރަށް އެހީތެރިކަންދޭން ބޭނުންވާ މީހުންނާއި އެހީ ހޯދައިދޭން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް، ވަރަށް ބޮޑު ކުރިއެރުމެއް މި ލިބިގެންދިޔައީ." - ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު، ޢަބްދުލް ލަތީފް މުޙައްމަދު
ކުޅިވަރަކީ ވަކި ޖިންސަކަށް ނުވަތަ ވަކި ކަހަލަ ސިފަތަކެއް ލިބިގެންވާ ބަޔަކަށް ޚާއްސަކުރެވިފައިވާ އެއްޗަކަށްވުމުގެ ބަދަލުގައި ޖިސްމާނީގޮތުން ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ކުޅިވަރު ކުޅުމުގައި ހަނިކުރެވިފައި އޮތް އޮތުމަށް ނިމުމެއް ގެނެސް، ހަމަހަމަ ގޮތެއްގައި ހުރިހާ އެންމެންނަށް ބައިވެރިވެވޭނެ ގޮތް ކުޅިވަރުގެ ޤާނޫނަށް މިގެނެވުނު ހެޔޮބަދަލާއެކު މަގުފަހިކޮށްދެވިގެންދާނެ ކަމަށް ވެސް ލަތީފް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު، ކުޅިވަރުގެ ޤާނޫނުގެ ބިލުގެ އިސްލާހު ތަސްދީޤުކުރެއްވުމާ ގުޅިގެން މީގެކުރީން ފަންޑު ހަމަނުޖެހިގެން މުބާރާތްތަކުގަ އާއި ކުޅިވަރުތަކުގައި މާލީގޮތުން ކުރިމަތިވަމުންއައި އެތައް ގޮންޖެހުންތަކަކަށް ހައްލު ލިބިގެންދާނެ ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.
ކުޅިވަރުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވުމުގެ މައިގަނޑު ސަބަބަކީ، މި ޤައުމުގައި ކުޅިވަރު އިތުރަށް ކުރިއަރައިގެން ދިއުމަށް ހިތުގައި އޮތް ލޯތްބާއި، ޖޯޝާއި ފޯރީގެ ސަބަބުން އެކަން ފުރިހަމަވުމަށް ބޭނުންވާތީވެ ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.