ENGLISH
04 ޖުލައި 2025
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ވާނުވާ ބަންދުގައި ތިބި މީހުން ޓެގު އަޅުވައި ދޫކޮށްލުމުގެ މަސައްކަތް ފަށައިފި
21 މޭ 2025
|
ރައީސް މުއިއްޒު، ކަމާގުޅޭ އިސް ބޭފުޅުންނާއެކު ބޭއްވެވި ބައްދަލްވުން
ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން އަދި ކޯޓުން ކަނޑައަޅާ ޝަރުޠުތަކާއެކު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންގެ ބަންދު މުރާޖަޢާކޮށް، ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދުން ފެށިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އެކި މައްސަލަތަކުގައި ތަޙުޤީޤަށް ހައްޔަރުކޮށް، "ވާނުވާ ބަންދު"ގައި މީހުން ބޭތިއްބުމުގެ މައްސަލައަށް އޮތް ދާއިމީ އެންމެ ރަނގަޅު ޙައްލަކީ، މައްސަލަ ބަލައި ނިންމުން އަވަސްކުރުން ކަމަށާއި، އެކަމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފަ އެވެ. އަދި އެކަމަށް ވަކާލާތު ކުރާ މީހުންނާ ވެސް ރައީސް ވަނީ ބައްދަލު ކުރައްވާ އެ މީހުންގެ ކަންބޮޑުވުންތަކާ ޝަކުވާތައް އަޑުއައްސަވާފަ އެވެ.
އަދި އެކަން ކުރެއްވުމަށް ފެއްޓެވުމުގެ ގޮތުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާން އާއި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަޙްމަދު އުޝާމް އަދި ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފްއާ ބައްދަލު ކުރައްވާ މަޝްވަރާ ކުރެއްވި އެވެ..
ޕީޖީ އޮފީހުން މިއަދު ބުނީ މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައެޅުމަށްޓަކައި، އެ މީހުން މޮނިޓަރ ކުރެވޭނެ ގޮތަށް ޝަރުޠުތަކަކާއެކު މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް ޚާއްޞަ އެސެސްމަންޓެއް ތައްޔާރުކުރެވޭނެ ކަމަށެވެ. މި އެސެސްމަންޓުގައި، ބަންދަށް ލުއި ދެވޭ މީހުން މޮނިޓަރކުރުމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާންކުރާނެ ކަމަށާ މި އެސެސްމަންޓަކީ މި އޮފީހުގެ އެންގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކުރާނެ އެސެސްމަންޓެއް ކަމަށެވެ.
އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދެވޭނީ މި އެސެސްމަންޓް އެ އޮފީހަށް ލިބުމުން، އޭގައިވާ ކަންކަމަށް ރިޢާޔަތްކޮށް ބަންދަށް ލުއި ދެވިދާނެކަމަށް ޕީޖީ އޮފީހަށް ފެންނަނަމަ، ބަންދު މުރާޖަޢާކުރުމަށް ކޯޓަށް ހުށަހަޅައިގެންނެވެ.
އެގޮތުން ލުއި ދެވޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން، ކޯޓުން ގިނަވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުޠެއްގެ ގޮތުގައެވެ.
މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުޠުތައް މުރާޖަޢާކުރުމަށް ކޮންމެ 100 ދުވަހަކުން 1 ފަހަރު ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅައި، މުރާޖަޢާކުރުން ކުރިއަށް ގެންދެވޭނެ ކަމަށާ އަދި ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުޠަކާ ޚިލާފުވެއްޖެނަމަ، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެ ކަމަށް ބުންޏެވެ.
ޕީޖީ އޮފީހުުން ބުނީ އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ ފަރާތްތަކުން، ސަބަބާއެކު އެ އޮފީހަށް ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ވަނީ ހުޅުވާލާފައި ކަމަށެވެ.
އެގޮތުން ބަންދަށް ލުއި ދިނުމަށް އެދި މި އޮފީހުގެ "އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމަށް އެދޭ ފޯމު" އިން ހުށަހެޅޭނެ އެވެ. ނުވަތަ އެ އޮފީހުގެ އޮންލައިން ޕޯޓަލް (online.pgo.mv) މެދުވެރިކޮށް ބަންދުގައިވާ މީހާގެ ވަކީލަށް އެކަމާ ގުޅޭ ފޯމް ހުށަހެޅިދާނެ އެވެ.
އެ ފޯމު، މިހާރު ޕީޖީ އޮފީހުގެ ވެބްސައިޓާއި، ކައުންޓަރުން ލިބޭނެ ކަމަށާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީހުން ބަންދުކުރާ މަރުކަޒުތަކުން މި ފޯމު ލިބުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ބުންޏެވެ.