ENGLISH

05 ޖުލައި 2025

Advertisement

ޓޮބޭކޯ ޖެނެރޭޝަނަލް ބޭން: އުފެދޭނީ ދުންފަތާ ދުރުވެފައިވާ ޖީލެއް

21 މޭ 2025

|

އިސްމާއީލް ރާތިއު

ރައީސުލްޖުމްހޫރިއްޔާ، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު ތަޞްދީޤުކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

މިއަދަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ބޮޅެއް އެއްވެގެންދިޔަ ދުވަހެކެވެ. ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު ( (ޤާނޫނު ނަންބަރު 2010/15) އަށް ގެނައި އިޞްލާޙާއެކު 1 ނޮވެމްބަރ 2025 އިން ފެށިގެން، ރާއްޖޭގައި 1 ޖަނަވަރީ 2007 ކުން ފެށިގެން އުފަންވާ ހުރިހާ ރައްޔިތުންނަށް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި، ދުންފަތުގެ އެއްވެސް ބާވަތެއް ގަތުންވެސް މަނާވެގެންދާނެއެވެ. މިއީ ރާއްޖޭގެ އާބާދީގެ 30.1 އިންސައްތަ ހިއްސާކުރާ އަދަދެކެވެ.

މުޅި ދުނިޔެއަށް ބެލި ކަމުގައިވިޔަސް ދުންފަތުގެ ވަބާގެ ތެރެއަށް ޒުވާނުންނާއި ކުޑަކުދިން ވަދެފައިވަނީ ހިތާމަކުރަންޖެހޭ މިންވަރަކަށެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދިރާސާތައް ދައްކާގޮތުން، އެންމެ ހަގު ޢުމުރަކަށް، އަށް އަހަރުގައި ދުންފަތުގެ އިސްތިޢުމާލު ކުރަން ފަށައެވެ. އެ ޖަމްޢިއްޔާއިން 2019 ވަނަ އަހަރު ޢާންމުކުރި ގްލޯބަލް ޔޫތު ޓޮބޭކޯ ސަރވޭ (ޖީވައިޓީއެސް) އިން ދައްކާ ގޮތުގައި 13 އަހަރާއި 15 އަހަރާ ދެމެދުގެ ދަރިވަރުންގެ 45.7 އިންސައްތަ ކުދިންނަކީ ދުންފަތުގެ ކޮންމެވެސް ބާވަތެއް ބޭނުންކޮށްފައިވާ ކުދިންނެވެ. އޭގެތެރެއިން 17.1 އިންސައްތަ ކުދިންނަކީ އިލެކްޓްރޯނިކް ސިގިރެޓް ބޭނުންކުރާ ކުދިން ކަމަށް އެ ސަރވޭއިން ދައްކައެވެ.

ރާއްޖޭގެ އާބާދީއަށް ބަލާއިރު، ޢުމުރުން 15 އަހަރާއި 29 އަހަރާ ދެމެދުގެ 21.8 އިންސައްތަ ދިވެހީންނަކީ ދުންފަތުގެ ވަބާއަށް ހުށަހެޅިފައިވާ މީހުންނެވެ. ރާއްޖޭގެ އާބާދީގެ އެހާބޮޑު ހިއްސާއެއް ދުންފަތުގެ ވަބާގެ ތެރެއަށް ވެއްޓިފައިވުމުގެ ނަތީޖާއަކަށްވެފައިވަނީ ރާއްޖޭގައި ފުއްޕާމޭގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުގައި މަރުވާ މީހުންގެ ޢަދަދުވެސް ގިނަވުމެވެ. އެހެންކަމުން މި ޖެނެރޭޝަނަލް ބޭންގެ ތެރެއިން ޚާއްޞަކޮށް ޒުވާނުންނާއި ކުޑަކުދިން، މިވަބާއިން ސަލާމަތްކުރެވި، ނުރައްކާތެރި ބަލިތަކަށް ހުށަހެޅޭ މިންވަރުވެސް އެތައް ގުނައެއް މަދުކުރެވިގެން ދާނެއެވެ. އެހެންކަމުން މިފަދަ ބަލިތަކަށް ފަރުވާކުރުމަށް ކުރަންޖެހޭ ބޮޑެތި ހޭދަތައް ކުރުން މަދުވެ، ޖީބަށް އެތައް ތަނަކުން ލުއިވެގެންދާނެއެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތަށްވެސް އެތައް ކުރިއެރުމެއް ލިބިގެންދާނެއެވެ. އަދި ހަމައެއާއެކު، ރައްޔިތުންގެ ބޭސްފަރުވާއަށް ޚަރަދުކުރާ، އާސަންދަ ފަދަ އިންޝުއަރެންސް ސްކީމްތަކުން ކުރަންޖެހޭ ޚަރަދުވެސް ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.

މި އިޞްލާޙުގެ ސަބަބުން ބޮޑެތިވަމުން އަންނަ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ނުރައްކާތެރިކަން ވިސްނައިދެވި، އެކަމަކީ "ކޫލް" ކަމެއްގެ ގޮތުގައި ޒުވާނުން ދެކޭ ދެކުން ނިމުމަކަށް ގެނެވި، އެކަމަކީ އިޖުތިމާޢީ ގޮތުންވެސް ޤަބޫލު ނުކުރެވޭ، އެކަމަށް ވީހާވެސް ގިނަ ބަޔަކު ނުރުހޭ ކަމަކަށް ހެދިގެންދާނެއެވެ. މިކަންވެސް ވެގެންދާނީ ދުންފަތާ ދުރަށް ދިއުމަށް ލިބިގެންދާނެ އިތުރު ހިތްވަރަކަށެވެ. މި ބިލުގެ ސަބަބުން ލިބިގެންދާ އިޖުތިމާޢީ އެންމެ ބޮޑު ފައިދާއަކަށް ވެގެންދާނީ މީހުން އެއްވެ އުޅޭ ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުންކަން ޔަޤީނެވެ. އެހެނީ، ދުންފަތުގެ ސަބަބުން ގެއްލުންވަނީ ހަމައެކަނި އޭގެ ބޭނުންކުރާ މީހާއަށް އެކަންޏެއް ނޫނެވެ. އެކަކު ސިގިރެޓުން ދުން ބޭރުކޮށްލާއިރު، އޭގެ އަސަރު ފޯރާ އެންމެނަށްވެސް އޭގެން އެތައް ގެއްލުމެއް ވެއެވެ. ނޭވާއާއެކު ސިގިރެޓް ދުން އެތެރެވުމުން އެމީހުންގެ ފުއްޕާމެއަށްވެސް އަސަރުކުރެއެވެ. ނޭވާހިއްލާ މީހެއް ނަމަ އިތުރު އެތައް އުނދަގޫތަކެއް ކުރިމަތިވެއެވެ.

މިހިސާބުން ނިމުނީއެއް ނޫނެވެ. އަންނައުނުގަ ހަރުލާފަ ހުންނަ ދުން ވަހުގެ ސަބަބުންވެސް ދުންފަތުގެ އިސްތިޢުމާލުކުރެވުނު ތަނުގަ ނެތް އެތައް ބަޔަކަށްވެސް އޭގެން ގެއްލުންވެއެވެ. ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނެވުނު މި އިޞްލާޙުގެ ސަބަބުން މިފަދަ ގެއްލުންތައްވެސް އެތައް ގުނައެއް މަދުކުރެވިގެންދާނެ އެވެ.

ޤައުމުގެ ކުރިމަގާ ގުޅިފައިވާ ކޮންމެ ދާއިރާއަކަށް ބަލާލިކަމުގައި ވީނަމަވެސް، މި އިޞްލާޙަކީ މުހިއްމު، އަދި އެހާ ފައިދާހުރި އިޞްލާޙެކެވެ. ޒުވާނުން ނުރައްކާތެރި ބަލިތަކުން ސަލާމަތްކުރެވި، ދުޅަހެޔޮ ޞިއްޙަތަކާ ދިމާލަށް ގެންދެވެއެވެ. ޤައުމުގެ އިޤްތިޞާދަށް އެތައް ލުޔެއް ލިބެއެވެ. ޤައުމުގެ އިޖުތިމާޢީ ފޭރާން ހަރުދަނާ ކުރެވެއެވެ. އެހެންކަމުން މި އިޞްލާޙަކީ ދިވެހިރާއްޖޭގެ ކުރިމަގާ ގުޅި، ލާމެހިފައިވާ ވަރަށް މުހިންމު އިޞްލާޙެކެވެ.

ކިޔުންތެރިންގެ ހިޔާލު