ENGLISH

04 ޖުލައި 2025

Advertisement

ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތައް ތިބީ ހިތްހަމަނުޖެހިފައި، އެކަމަކު ފަރުވާލެއް ނެތް:ރައީސް

21 މޭ 2025

|

މުރުޝިދު އަބްދުލް ޙަކީމް

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އަޅާފައިވާ ހަރުކަށިފިޔަވަޅުތަކާ ގުޅިގެން ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތައް ނުރުހިފައި ތިބި ނަމަވެސް، އެކަމުގައި އެމަނިކުފާނުގެ ފަރުވާލެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

2007އިން ފެށިގެން އުފަންވެފައިވާ އަދި އޭގެ ފަހުން އުފަންވާ މީހުނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރާ ބިލް ތަސްދީގު ކުރެއްވުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ހުއްޓާލުމަށް، ކުރިންވެސް ކުރައްވާފައިވާ އިލްތިމާސް ތަކުރާރުކުރައްވާފަ އެވެ.

"ދުންފަތުގެ ތަކެތި ވިއްކާ ފަރާތްތަކުން ވަރަށް ހިތްހަމަނުޖެހިފައި ތިބީ. އަޅުގަނޑަށް ފަރުވާލެއް ނެތް، މައްސަލައެއް ނެތް އެކަމުގަ. އަޅުގަނޑު އެ ބޭފުޅުންނަށް ދަންވަނީ ހަމަ ތިބޭފުޅުންނަށް ރަނގަޅު ގޮތަކީ މިއީ އޭ. ތިޔަ ވިޔަފާރީން ދުރަށް ވަޑައިގަންނަވާށޭ. އެހެން ވިޔަފާރީއަކަށް ބަދަލުވެވަޑައިގަންނަވާށޭ. މި ދުންފަތުގެ ވިޔަފާރީއަކީ މި ޤައުމުގައި އަޅުގަނޑު ތަރުހީބު ދޭނެ ވިޔަފާރީއެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ދުންފަތުގެ އިސްތިއުމާލުން މި ޤައުމު ސަމާލަތްކޮށްދެވުމުން އެއީ ޤައުމުގެ މުސްތަޤުބަލަށް ކޮށްދެެވޭނެ ވަރަށް ބޮޑު ކަމެއްކަން ރައީސް މިއަދުވެސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ޖެނެރޭޝަން ބޭން ކަނޑައެޅިގެންދިޔަ ޤާނޫނު ތަންފީޒުކުރެވޭ ކަމަށްވާނަމަ ޒުވާނުންގެ ބޮޑު އާބާދީއެއް ދުންފަތުގެ ވަބާއިން ސަލާމަތްވެގެންދާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މީގެ އަހަރުތަކެއް ފަހުން ރާއްޖެ ވެގެންދާނީ ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮން މަނާވެފައިވާ ޤައުމަކަށް ކަމަށެވެ.

"އެ ހިސާބަށް ޤައުމު ގެންދަން އެންމެން އެއްބާރުލުން ލާން އެބަޖެހޭ. މިއީ ވަރަށް މާތް މަޤްޞަދެއްގައި އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤުބަލު ހިމާޔަތްކޮށް ކުރުމަށް(ކުރާ ކަމެއް) އަޅުގަނޑުމެންގެ އުފެއްދުންތެރިކަންވެސް އިތުރުކުރެވޭނީ ސިއްޙީ ދުޅަހެޔޮ މުޖުތަމައުއެއް މިތާ އޮވެގެން،" ރައީސް ވިދާޅުވި އެވެ.

މިއަދު ރައީސް ތަސްދީގުކުރެއްވި ޤާނޫނާއެކު ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުންކުރާ ތަކެތި އަތުލުމުގައި ކަސްޓަމްސްއާއި ފުލުހުނަށް އިތުރަށް ފަސޭހަވެގެންދާނެ ކަަމަށްވެސް ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު