ENGLISH
04 ޖުލައި 2025
2007 ގެ ފަހުން އުފަންވި އެންމެންނަށް ދުންފަތް މަނާކުރާ އިސްލާހުގެ ބިލް ރައީސް ތަސްދީގު ކުރައްވައިފި
21 މޭ 2025
|
ދުންފަތް މަނާކުރާ ބިލް ރައީސް ތަސްދީގު ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގައި ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ/އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް "ޖެނެރޭޝަނަލް ބޭން" އެއް ގެނައުމަށް ޤާނޫނަށް ގެނައި އިސްލާހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް އެ އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި ހިނގާ މެއި މަހުގެ 13 ވަނަ ދުވަހު އެވެ.
މި ބިލުގެ ދަށުން ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް އެއްވެސް ފަރާތަކުން 1 ޖެނުއަރީ 2007 ގައި އުފަންވެފައިވާ އެއްވެސް މީހަކަށް ވިއްކުމަކީ މަނާކަމެކެވެ. ހަމައެއާއެކު އުމުރުން 21 އަހަރު ނުވާ މީހުންނަށް މީގެކުރިން ވެސް އޮތް ގޮތަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވެގެންދާއިރު މިއިން އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ވިއްކުމުގެ މުއާމަލާތެއްގައި ވެސް ބައިވެރިނުކުރެވޭނެ ކަމަށް ވެއެވެ.
ދުންފަތުގެ ބާވަތެއް ނުވަތަ އުފެއްދުމެއް ގަންނަ ކޮންމެ މީހަކީ އެ އުމުރުފުރާގެ މީހެއް ނޫން ކަށަވަރުކުރުމަށްޓަކައި އެ މީހުންގެ އައިޑީކާޑު ނުވަތަ އުމުރު އަންގައިދޭ އެ ނޫން ވެސް ރަސްމީ ލިޔުމެއް ދައްކަން އަންގަން ޖެހޭނެ ކަމަށް ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާތަކުގެ ގޮތުގައި ހިމަނާފައިވެ އެވެ.
އިލެކްޓްރޯނިކް ސިނގިރޭޓު ބޭނުންކުރުން ނުވަތަ ވޭޕްކުރުމަކީ ގާނޫނީ ގޮތުން މަނާކަމަށްވާއިރު، ރައީސް ތަސްދީގުކުރެއްވި ބިލުގައި ވަނީ މިކަމާ ގުޅިގެން އިތުރު މާއްދާތަކެއް ވެސް ހިމަނާފަ އެވެ. އެގޮތުން، އާއްމުތަނެއްގައި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލަތެއް މީހަކު ގެންގުޅެނިކޮށް ނުވަތަ ބޭނުންކުރަނިކޮށް ފެނިއްޖެ ނަމަ އެ އެއްޗެއް އަތުލުމުގެ ބާރު ފުލުހުންނަށް ލިބޭނެ ކަމަށް ވެއެވެ. އެގޮތަށް އަތުލެވޭނީ:
މި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ އަންނަ ނޮވެންބަރު މަހުން ފެށިގެން ނެވެ.
މި ސަރުކާރުން ދަނީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު މަދު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ކުރިއަށް އޮތް ޖީލު މިވަބާއިން ސަލާމަތް ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަ ކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަވެފައިވަނީ ދުންފަތުގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށް، މީގެ ކުރިން ދިވެހިރާއްޖޭގައި ވެރިކަންކުރި އެހެން ވެރިޔަކަށް އަޅަން ނުކެރުނު ތާރީހީ ފިޔަވަޅުތަކެއް އެޅުއްވި ވެރިއެއްގެ ގޮތުގައެވެ. މިގޮތުން ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެންވަނީ މަނާކޮށްފައެވެ.