ENGLISH
05 ޖުލައި 2025
ރާއްޖޭގައި ލިވަޕޫލް ފުޓްބޯޅަ އެކަޑަމީ ލޯންޗުކުރުމަށް ވަޒީރާއެކު މަޝްވަރާކޮށްފި
21 މޭ 2025
|
ލިވަޕޫލް ފުޓްބޯޅަ އެކަޑަމީގެ ގޮތްޕެއް ދިވެހިރާއްޖޭގައި ޤާއިމުކުރުމާ ގުޅޭގޮތުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ އަބްދުﷲ ރާފިޢުއާއެކު ލިވަޕޫލް އެފްސީގެ އިސްވެރިން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެގެންދިޔައީ ލިވަޕޫލް އެފްސީގެ ރަސްމީ ޓޫރިސްޓް މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެއްސުމާ ގުޅިގެން ކުރިއަށްގެންދާ މާކެޓިން ކެމްޕޭނުގެ ދަށުން މިހާރު ރާއްޖެއަށް ޒިޔާރަތްކުރައްވާފައިވާ އެ ކުލަބުގެ އިސްވެރިންނާއެކުގައެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ލިވަޕޫލް އެފްސީގެ ޕާޓްނަޝިޕްސް ޑެލިވަރީގެ ނައިބު ރައީސް ޑޭވިޑް ޕޯލް، ލިވަޕޫލްގެ އެކްސް ވިޒިޓް މޯލްޑިވްސް ޕާޓްނަޝިޕްގެ ގްލޯބަލް ޕާޓްނަޝިޕް ސޭލްސްގެ ޑިރެކްޓަރު އެލެކްސް ފްރޭސަރ އަދި އެމްއެމްޕީއާރްސީގެ އިސްވެރިންނެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގައި ލިވަޕޫލްގެ އެހީތެރިކަމާއެކު ފުޓްބޯޅައިގެ ދާއިރާއިން ގުޅިގެން ކުރެވިދާނެ އިތުރު ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.
ދިވެހިރާއްޖެއާއި ލިވަޕޫލް އެފްސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ދިވެހި ކުޅުންތެރިންނަށް ލިވަޕޫލް އެފްސީގެ ކޯޗުންގެ އިރުޝާދާއެކު ފެންވަރު މަތިކުރުމަށް ތަމްރީނު ފުރުޞަތުތައް ލިބި، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތުގައިވެސް ކުޅުންތެރިން ތަމްރީނުކުރުމަށް މަގުފަހިވެގެންދާނެއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ކުރިން ފާހަގަކުރެއްވި ފަދައިން، މި ކެމްޕޭނުގެ ދަށުން ދިވެހިރާއްޖޭގައި ލިވަޕޫލްގެ އެކަޑަމީއެއް ޤާއިމުކުރުމާއި، ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމާއި، މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ނަން މަޝްހޫރުކުރުން ފަދަ ހަރަކާތްތައްވެސް ކުރިއަށް ގެންދެވޭނެއެވެ.