ENGLISH

03 ޖޫން 2025

Advertisement

ބޯންމައުތު ބަލިކޮށް، ސިޓީން ތިންވަނަ އަށް ޖެހިލައިފި

21 މޭ 2025

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ސިޓީ އަށް ލަނޑުޖަހައިދިނުމަށްފަހު މާމޯޝް އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުގައި ބޯންމައުތު 3-1 އިން ބަލިކޮށް، މެންޗެސްޓަރ ސިޓީން ތާވަލްގެ ތިންވަނަ އަށް ޖެހިލައިފިއެވެ.

މި މޮޅާއެކު ސިޓީ ތިންވަނައިގައި އޮތީ 37 މެޗުން 68 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމާ ދެން އެންމެ ގާތުން ވާދަ ކުރަމުން އަންނަ ނިއުކާސަލް ޔުނައިޓެޑަށް 66 ޕޮއިންޓާއެކު ހަތަރުވަނަ ލިބިފައިވާއިރު، ފަސްވަނައިގައި އޮތް ޗެލްސީގެ އިތުރުން ހަވަނައިގައި އުޅޭ އެސްޓަން ވިލާ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ނިއުކާސަލް އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ.

ލީގުގެ އެއްވަނައިގައި އުޅޭ ލިވަޕޫލަށް ލިބިފައިވަނީ 83 ޕޮއިންޓެވެ. ދެވަނައިގައި އާސެނަލް އޮތީ 71 ޕޮއިންޓާއެކު އެވެ.

އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސިޓީން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. އެގޮތުން، މެޗުގެ 14 ވަނަ މިނެޓުގައި ހާފުގެ މެދާ ހިސާބުން ފޮނުވާލި ބޯޅައަކުން އޮމަރް މާމޯޝް ލީޑުނެގިއިރު، ހާފު ނިމުމުގެކުރީން ސިޓީގެ ލީޑު ފުޅާކޮށްދިނީ ބެނާޑޯ ސިލްވާ އެވެ.

މި މެޗުގެ 67 ވަނަ މިނެޓުގައި ބޯންމައުތުގެ ފޯވާޑް، އެވަނިލްސަން އަށް ލަނޑުޖަހަން ލިބުނު ހުސް ފުރުޞަތެއްގައި ހުރަސްއެޅުމުން ސިޓީގެ ކްރޮއޭޝިއާ މިޑްފީލްޑަރު، މަޓެއޯ ކޮވެސިޗަށް ރަތް ކާޑު ދެއްކިއިރު، އޭގެ މާގިނައިރުތަކެއް ނުވަނީސް ބޯންމައުތުގެ ލުވިސް ކުކް އަށް ވެސް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައިވެއެވެ. ކުކް އަށް ރަތެއް ދެއްކީ ސިޓީގެ ނިކޯ ގޮންޒާލެޒް އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. މިއާއެކު، ދެ ޓީމުން ވެސް ބާކީބައި ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް، ސިޓީން ރޭގެ މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑުޖަހައިދިނީ ނިކޯ ގޮންޒާލެޒް އެވެ. އަދި، އޭގެފަހުން މެޗުގެ އިތުރުވަގުތުގެ ތެރޭގައި ބޯންމައުތަށް ސުން ކަނޑުވާލައިދިނީ ޑެނިއަލް ޖެބިސަން އެވެ.

ރޭގެ މެޗުގެ ފަހު ދިހަ މިނެޓަށް ސިޓީން ވަނީ ސްޕެއިނުގެ މިޑްފީލްޑަރު، ރޮޑްރީ ކުޅެން ނެރެފައެވެ. މިއީ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން މިދިޔަ 8 މަސް ދުވަހު  ކުޅުމާ ދުރުގައި ހުރުމަށްފަހު ރޮޑްރީގެ ފުރަތަމަ ފެނިލުމެވެ.

ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި ކްރިސްޓަލް ޕެލަސްގެ ދަނޑުގައި އެ ޓީމު ވަނީ 4-2 ގެ ނަތީޖާއަކުން ވުލްވްސް ބަލިކޮށްފައެވެ. މި މެޗުގައި ޕެލަސް އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލްޖަހައިދިނީ އެޑީ އެންކެޓިއާ އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ ބެން ޗިލްވެލް އާއި އެބެރޭޗީ އެޒޭ އެވެ.

މެޗުގައި ވުލްވްސް އިން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ އެމަނުއެލް އަގްބަޑޫ އާއި ޖޯގެން ސްޓްރާންޑް ލާސެން އެވެ.

ކިޔުންތެރިންގެ ހިޔާލު