ENGLISH

02 ޖޫން 2025

Advertisement

ކުޅިވަރަކީ، މުޖުތަމަޢުގެ ހުރިހާ މައްސަލަތަކަށް ހައްލު ލިބިގެންދާ އެއްޗެއް: މެންބަރު ލަތީފް

20 މޭ 2025

|

މުޙައްމަދު އަދުހަމް

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުލް ލަތީފް މުޙައްމަދު އެމްއެމްޓީވީ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި.

އަޅުގަނޑުމެންގެ މުޖުތަމަޢުގައި އޮތް ބޮޑެތި މައްސަލަތަކަށް ހައްލުތައް ނުލިބުމުގެ މައިގަނޑު އެއް ސަބަބަކީ ނިމިދިޔަ ސަރުކާރުތަކުން ކުޅިވަރަށް ދޭންވާ ސަމާލުކަމާއި ތަރުހީބު ނުދިނުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ޢަބްދުލް ލަތީފް މުޙައްމަދު މިރޭ ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ލަތީފު ވިދާޅުވީ، ޒުވާނުންގެ ގޯސް ވާހަކަދެއްކުމުގެ ފުރުޞަތު ލިބި، އެކުދިންގެ ކުރިއެރުމަށް ހުރަސްއެޅުނީ ކުޅިވަރަށާއި ހާއްސަކޮށް ޒުވާނުންނަށް ދޭން ޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން ކަމަށެވެ.

"މާޒީވެދިޔަ ކަންތައްތަކުން އަޅުގަނޑުމެންނަށް ލިބުނު ފިލާވަޅަކީ ކުޅިވަރަށް ދޭންވާ ސަމާލުކަން ނުދެވުނުކަން. އެހެންވުމުން އަޅުގަނޑުމެންގެ ތެރޭގައި ބައެއް އިޖުތިމާޢީ މައްސަލަތައް ނުކުތީ،" - ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުލް ލަތީފް މުޙައްމަދު

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކުޅިވަރުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ތަސްދީޤުކުރެވިގެންދިޔައީ އެމަނިކުފާނުގެ ދުރު ވިސްނުންފުޅާއި، ހިކުމަތްތެރިކަމާއެކު ޒުވާނުންނާއި ކުޅިވަރަށް ދެއްވާ ސަމާލުކަމާއި، އެކަންކަމަށް ހިތުގައި ޚާއްސަ މަގާމެއް ދެވިފައި އޮތުމުން، ޤައުމުގެ ކަންކަން އިސްލާހުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ސަބަބުން ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.

ކުރީ ސަރުކާރުތަކާ ޚިލާފަށް އަޅުގަނޑުމެންގެ ސަރުކާރުގައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރިހާ ކުޅިވަރެއް ވެސް ހަލުވި ސްޕީޑެއްގައި ކުރިއަރައިގެންދާނެފަދަ ގޮތަކަށް ސިޔާސަތުތައް ތަންފީޒުކުރައްވަމުން ގެންދަވާ ކަމަށް ލަތީފްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިފަދައިން ކުޅިވަރުތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާވެ، ޒުވާނުންނަށް ފުރުޞަތުތައް ފަހިވެގެންދިއުމުގެ ސަބަބުން ކުޅިވަރުތަކުގައި މަސްއޫލުވެ އުޅެންޖެހުމުން މިހާތަނަށް ނުރަނގަޅު ކަންކަމުގައި އުޅޭ ވަގުތުތައް އިހުނަށްވުރެ މަދުވެ، ޒުވާނުން ހިމެނޭ ގޮތަށް މުޅި ޤައުމަށް ހެޔޮ ބަދަލުތައް އަންނާނެ ކަމަށް ލަތީފް ވިދާޅުވިއެވެ.

އަދުގެ ސަރުކާރުން ހުރިހާ ކުޅިވަރުތަކަށް ވެސް އަހައްމިޔަތުކަންދީގެން ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ކުޅިވަރު ކުޅޭ ކޯޓުތަކާއި ދަނޑުތައް ތަރައްޤީކުރުމާއި، ވަޞީލަތްތަކާއި ޒުވާނުންގެ މަރުކަޒުތައް ވެސް ޤާއިމުކުރެވެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި، ވަކިވަކި ކުޅިވަރުތަކުން ތަމްރީންތައް ކުރިއަށްގެންދިއުމަށް ސަރުކާރުގެ ކުޅިވަރު ވުޒާރާއިން އެއްބާރުލުންދިނުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކޯޗުން ފޮނުވައިގެން ކުޅިވަރު ކުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ވެސް ކުރިއަށްގެންދާ ކަމަށް މެންބަރު ލަތީފް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު