ENGLISH
05 ޖުލައި 2025
ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމަށް ރާއްޖެ އާއި ތައިލޭންޑާއި ދެމެދު ސޮއިކޮށްފި
20 މޭ 2025
|
ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމަށް ރާއްޖެ އާއި ތައިލޭންޑާއި ދެމެދު ސޮއިކުރުން -- ފޮޓޯ: ހެލްތް މިނިސްޓްރީ
ޢާންމު ސިއްޙަތުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް މިނިސްޓްރީ އޮފް ހެލްތާއި ތައިލެންޑުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތާ އެކު އެމްއޯޔޫއެއް ގައި ސޮއިކޮށްފި އެވެ.
މި އެމްއޯޔޫގައި ސޮއިކުރެއްވީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ހަވާސާގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރު ޚަދީޖާ އަބްދުއްސަމަދު އަބްދުالله އެވެ. ތައިލެންޑްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އޮފް ޕަބްލިކް ހެލްތު މިސްޓަރ ޑޭޝް-އިސް ކައުތޯންގ އެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޕްރައިމަރީ ހެލްތު ކެއާ ކުރިއެރުވުން، ހެލްތު ރެގިއުލޭޓަރީ ފްރޭމްވޯކްސް ހަރުދަނާކުރުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ރެގިއުލޭޓަރީ ޚިދުމަތް ހަރުދަނާ ކުރުމަށާއި، ޞިއްޙީ ދާއިރާގެ އިންސާނީ ވަޞީލަތްތައް ހަރުދަނާކުރުމަށާއި ހެލްތު ޕޮލިސީ، ހެލްތު ސިސްޓަމް ރިސަރޗް އަދި ހެލްތު އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ހަރުދަނާކުރުމަށް އެހީތެރިކަން ލިބިގެންދާނެ އެވެ. މީގެ އިތުރުން، ޞިއްޙީ ދާއިރާ ކުރިއެރުމަށް ބޭނުންވާ އިނޮވޭޓިވް ސަސްޓެއިނަބަލް ފައިނޭންސިންގ އަށް އެހީތެރިކަން ލިބިގެންދާނެ އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޘިމް އިބްރާހީމާއި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރ ސައިމާ ވާޒިދް ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.
ހެލްތު މިނިސްޓަރު، އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ ދިވެހިރާއްޖެއާ ތައިލޭންޑުގެ ޞިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަ ކުރައްވާ، އެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވި އެވެ. އަދި މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ ޕާޓްނަރޝިޕްގައި ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީ އެއް ކަމަށް ވިދާޅުވި އެވެ.
''މި އެމްއޯޔޫ ވެގެންދާނީ އަޅުގަނޑުމެންގެ ރާއްޔިތުންގެ ސިއްހީ ނިޒާމަށް ފައިދާކުރާނެ މަސައްކަތްތަކެއް ކުރުމަށް އެއެބާރުލުންދެނެ ވަރުގަދަ ބިންގަލަކަށް'' މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
މި އެމްއޯޔޫގައި ވަނީ ޖޮއިންޓް ވޯކިންގ ގްރޫޕެއް އުފެއްދުމާއި، އެކަން ފައިދާހުރި ގޮތެއްގައި ތަންފީޒު ކުރުމަށްޓަކައި ތަފްސީލީ އެކްޝަން ޕްލޭނެއް އެކުލަވާލުމަށް ނިންމާފަ އެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ފަންނީ ކުރިއެރުންތަކެއް ލިބިގެން ދިއުމާއި އެކު ދެގައުމުގެ ދެމެދު އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.