ENGLISH
05 ޖުލައި 2025
ނެޝަނަލް އޯޝެއަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަންގެ އިނޮއި ރީޖަނަލް ސެންޓަރަށް ނައިބު ރައީސް ޒިޔާރާތްކުރައްވައިފި
20 މޭ 2025
|
ހަވާއީގެ ހޮނުލުލޫގައި ހުންނަ ނެޝަނަލް އޯޝެއަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (އެން.އޯ.އޭ.އޭ)ގެ އިނޮއި ރީޖަނަލް ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފް ޒިޔާރާތްކުރައްވައިފިއެވެ.
އެން.އޯ.އޭ.އޭގެ އިނޮއި ރީޖަނަލް ސެންޓަރަކީ މޫސުމީ އެކިދިރާސާތަކަށް ހަވާއީ ސްޓޭޓްގެ މޮކޮ-އުމޭ-އުމޭ ނުވަތަ ފޯޑް އައިލަންޑްގައި ޤާއިމްކޮށްފައިވާ ސެންޓަރެކެވެ. މިއީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބެއް އެސެންޓަރަށް ޒިޔާރާތްކުރެއްވި ފުރަތަމަ ފަހަރެވެ.
މި ޒިޔާރަތުގައި، އިންޓަނޭޝަނަލް ސުނާމީ އިންފޮމޭޝަން ސެންޓަރު (އައި.ޓީ.އައި.ސީ) އާއި ޕެސިފިކް ސުނާމީ ވޯނިންގ ސެންޓަރު (ޕީ.ޓީ.ޑަބްލިއު.ސީ) އިން ކުރަމުންގެންދާ މަސައްކަތްތަކާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މަޢުލޫމާތު އެރުވިއެވެ. އަދި، އެ އިދާރާތަކުގެ މެންޑޭޓާއި ކުރަމުންދާ މަސައްކަތްތަކަށް ވެސް މި ޒިޔާރަތުގައި ބަލައިލާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި އިދާރާތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ތަޢުރީފްކުރައްވާ، މި އިދާރާތަކުން ރާއްޖެއަށާއި ދިވެހިންނަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ދެހާސް ހަތަރު ވަނަ އަހަރުގެ ސުނާމީއަށްފަހު، ރާއްޖެއަށް މި ދެ އިދާރާއިން ވަނީ ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި، ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތަކާއި، މަޢުލޫމާތު ފޯރުކޮށްދިނުމުގެ ކެމްޕޭންތަކާއި، ޑިޒާސްޓަރ މެނޭޖްމަންޓް މަޝްރޫޢުތައް ފެށުމުގެ އިތުރުން، އޭޝިޔާ-ޕެސިިފިކް ސަރަޙައްދުގައި ރީޖަނަލް ވޯނިންގ ސެންޓަރުތައް ޤާއިމްކުރުމުގައި އައި.ޓީ.އައި.ސީ އާއި ޕީ.ޓީ.ޑަބްލިއު.ސީ އިން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.
ސުނާމީ އިން ލިބޭ ގެއްލުން ކުޑަކުރުމަށް، ސައިންޓިފިކް ރިސަރޗް އާއި ދިރާސީ ޖަމާޢަތްތަކާއި، މަދަނީ ޖަމުޢިއްޔާތަކާއި އާންމުންނާއި ގުޅިގެން އައި.ޓީ.އައި.ސީ އިން ގިނަ މަސައްކަތްތައް ވަނީ ކޮށްފައެވެ. ޕީ.ޓީ.ޑަބްލިއު.ސީގެ މައި އިދާރާ، ނެޝަނަލް ވެދަރ ސަރވިސް (އެން.ޑަބްލިއު.އެސް) އަކީ އިންޓަގަވަމެންޓަލް އޯޝަނޮގްރަފިކް ކޮމިޝަން އޮފް ދަ ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް، އެންޑް ކަލްޗަރަލް އޯގަނައިޒޭޝަންގެ މައި ބައިނަލްއަޤްވާމީ ފޯކާސްޓަރެވެ.