ENGLISH
05 ޖުލައި 2025
މުލީގައި ހުޅުވި އެއަރޕޯޓުގެ ސަބަބުން އަތޮޅުގެ ޞިއްޙީ ދާއިރާއަށް ވެސް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބޭނެ: ނާޒިމް
20 މޭ 2025
|
ދިއްގަރު ދާއިރާގެ މެންބަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، އަޙްމަދު ނާޒިމް ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް
މ. މުލީގައި މިއަދު ހުޅުވިގެންދިޔަ އެއަރޕޯޓުގެ ސަބަބުން އެ އަތޮޅުގެ ޞިއްޙީ ދާއިރާއަށް ވެސް ވަރަށް ބޮޑު ކުރިއެރުންތައް އަންނާނެ ކަމަށް، ދިއްގަރު ދާއިރާގެ މެންބަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، އަޙްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް ވިދާޅުވީ، އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލް ވެސް ހުންނަނީ މުލީގައި ކަމަށްވާތީ މި އެއަރޕޯޓުގެ ސަބަބުން ބަލިމީހުން މާލެ ގެންދަން ޖެހިއްޖެ ޙާލަތުގައި އެކަމަށް ވެސް މި އެއަރޕޯޓުގެ ސަބަބުން ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ. އެގޮތުން ކިތަންމެ ކަނޑުގަދަ ވިޔަސް، ދަންވަރު ވިޔަސް ލޯންޗުގައި ބަލި މީހުން އުފުލަން ޖެހުނު ޖެހުން ނިމުމަކަށް އަންނާނެކަން ނާޒިމް ފާހަގަކުރެއްވިއެވެ.
"އާދެ، މި އެއަރޕޯޓު ހުޅުވުމުގެ ސަބަބުން، މިރަށުގައި ރީޖަނަލް ހޮސްޕިޓަލް ވެސް ހުންނަ ރަށް ވެސްމެ. މިހާރު އިމަޖެންސީ ހާލަތެއް މެދުވެރިވެއްޖެ ކަމަށް ވަންޏާ ބަލިމީހުން މާލެއަށް އުފުލަމުންދަނީ ލޯންޗުގަ. ކިތަންމެ ކަނޑުގަދަ ކަމަށްވިޔަސް އަދި ވިއްސާރަ ކަމަށް ވިޔަސް ރޭގަނޑު ދަންވަރު ވެސް ބަލިމީހުން އުފުލަން ޖެހެނީ ހަމަ ލޯންޗުގަ. އެހެންވީމާ (މި އެއަރޕޯޓަކީ) އެ މައްސަލައަށް ވެސް އަންނާނެ ވަރަށްބޮޑު ޙައްލެއް. އެކަމުގެ ސަބަބުން ޞިއްޙީ ދާއިރާއަށްވެސް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، މި އެއަރޕޯޓަކީ މ. އަތޮޅުގައި ހުރި ރިސޯޓުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިން އުފުލުމުގެ މައި ދޮރޯއްޓަށް ވެސް ވެގެންދާނެ ކަމަށެވެ. އަދި، މި އެއަރޕޯޓުގެ ސަބަބުން މ. އަތޮޅަށް އާ ދިރުމެއް އަންނާނެ ކަމަށާއި މ. އަތޮޅުގެ ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބި، އިގުތިސާދީ ގޮތުން ވެސް އަތޮޅަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މި އެއަރޕޯޓަކީ މ. އަތޮޅުގެ ރައްޔިތުންނަށް ލިބޭ ރަނުގެ ފުރުސަތެއްކަން ފާހަގަކުރައްވާ، ނާޒިމް ވިދާޅުވީ އެއަރޕޯޓުގެ މަސައްކަތާއެކު އެހެން މަސައްކަތްތަކެއް ވެސް ރޭވިފައިވާ ކަމަށެވެ. އަދި މި މަސައްކަތްތަކުގެ ސަބަބުން މި ފަސް އަހަރަކީ މ. އަތޮޅުގެ ރައްޔިތުންނަށް ވަރަށް ފަހި، ފާގަތި ފަސް އަހަރަށް ވެގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.