ENGLISH
05 ޖުލައި 2025
ބޮޑެތި ރަށްރަށަށް ހިޖުރަކޮށްގެން ސަރަހައްދީ ތަރައްޤީގައި ބައިވެރިވުމަށް ރައީސް ގޮވާލައްވައިފި
20 މޭ 2025
|
ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަަވަނީ (ފޮޓޯ/ ރައީސް އޮފީސް)
އުމްރާނީ ތަރައްގީގެ ބޮޑެތި މަަޝްރޫއުތައް ހިންގާ ރަށްރަށަށް ހިޖުރަަކޮށްގެން ސަރަހައްދީ ތަރައްގީގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވާލައްވައިފި އެވެ.
ރައީސް މިގޮތަށް ގޮވާލެއްވީ. މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓު ހުޅުވުމަށް އެ އަތޮޅު މުއްޔަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ވަނީ މުލި ހިމެނޭ ގޮތަށް މުޅި މުލަކު އަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާއި އެމަނިކުފާނު އެ އަތޮޅުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމުގެ މަސައްކަތުގެ އަދާހަމަ ވެސް ހިއްސާކުރައްވައިފަ އެވެ.
މުލީ އެއާޕޯޓު ހުޅުވުމާ އެކު، އެ ރަށުގެ އިތުރުން މުޅި އަތޮޅަށް ވެސް ބޮޑު ކުރިއެރުމަށް އަންނާނެ ކަމަށް ރައީސް ގަބޫލުކުރައްވަ އެވެ. އިގްތިސާދީ ގޮތުން މުލަކު އަތޮޅަށް ގިނަ ފައިދާތަކެއް ކުރުވާނެ މަޝްރޫއުއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ހަމައެއާއެކީގައި މި އަތޮޅުގެ ތަރައްގީއަށް ވެސް މި އެއާޕޯޓު ވަރަށް މުހިއްމު. މި ސަރަހައްދުގެ ރަށްތަކާއި ޖުމްލަކޮށް އަތޮޅުގެ ތަރައްގީއަށް އެއާޕޯޓުގެ ސަބަބުން ވަރަށް ގިނަ ކުރިއެރުންތައް އަންނާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ 300 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫޢު ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ފަދަ މަޝްރޫއުތަކާއެކު ޒުވާނުންނާއި ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކުގެ އުއްމީދުތަކުގައި ކުލަޖެހިދެންދާ ކަމަށެވެ. އެ މަޝްރޫއުއަކީ، ޚާއްސަކޮށް، މުލަކަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށް އޮތް ރަނގަޅު ފުރުސަތެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.
ރައީސް ވަނީ މުލަކު ފަދަ ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގާ ރަށްރަށަށް ހިޖުރަކޮށް، ސަރަހައްދީ ތަރައްގީގައި ވީހާވެސް ގިނަ ބައެއްގެ ބައިވެރިވުން އޮތުން މުހިއްމު ކަމަށް ވިދާޅުވެފަ އެވެ. އެއީ، ރައީސް ގަބޫލުކުރައްވާ ގޮތުގައި ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.
"މި ރަށަށް އަންނަން ބޭނުންވާ ފަރާތްތައް ތިބި ކަމަަށް ވަންޏާ އެ ފަރާތްތަކަށް ވެސް. އަޅުގަނޑު ހަމަ، މަރުހަބާ ކިޔަން މިގޮތަށް އިންފްރާސްޓްރަކްޗާ ގާއިމުކުރެވޭ ޚާއްސަކޮށް އެއާޕޯޓުތައް ހެދި ބިން ހިއްކޭ ރަށްރަށަކީ ސަރަހައްދީ ގޮތުން ތަރައްގީ ކުރުމުގެ ވިސްނުމުގައި އެހެން ރައްޔިތުން ވެސް ބައިވެރިވާ ރަށްތަަކަށް ވާން. އެއީ ދެމެހެއްޓެނިވި ތަރައްގީއަށް ވާނެ ގޮތަކީ. ހާސިލުވާނެ ގޮތަކީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އާބާދީ އެއްފަސްކުރުމަކީ އެއް ބަޔަކު އަނެއް ބަޔަކާ ގުޅިގެން ނޫނީ ނުވާނެ ކަމެއް ކަމަށެވެ.
ރައީސްގެ ވާހަކަފުުޅު ނިންމަވާލެެއްވީ، ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދިނުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފަލެއްގެ ގޮތުގައި ފާހަގަކުރައްވަމުން ނެވެ. އެމަނިކުފާނު ވަނީ ހުރިހާ ކަމެއްވެސް ކުރައްވަނީ، "ރައްޔިތުންނަށްޓަކައި، ރައްޔިތުން އެދޭ ގޮތަށް" ކަމަށް ވިދާޅުވެފަ އެވެ.
"ތިބޭފުޅުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދިނުމަކީ އަޅުގަނޑުގެ އުފާ، އަޅުގަނޑަކީ ތިޔަ ލޮބުވެތި ރައްޔިތުންގެ ޚާދިމް، ރައްޔިތުން ހޮވާފަ ހުރި މީހެއް، ރައްޔިތުންނަށްޓަކައި، ރައްޔިތުން އެދޭ ގޮތަށް ނޫނީ ކަންތައް ކުރުމުގެ ވިސްނުމެއް ނެތް އަދި އަޅުގަނޑުގެ އެ ނޫން ޒިންމާއެއް ނެތް،" ރައީސް ވިދާޅުވި އެވެ.